މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކި މީހަކަށް ކުރިމަތިލެވޭނެ ކަމަށް ބުނުމުގެ ބާރެއް އދ. އަށް ލިބިގެންނުވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެއްވޭނެ ކަމަށް އދ. އިން ކަނޑައަޅާނެ ކަމަށް، އެ ޖަމްއިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު މިދިޔަ ހަފްތާތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި، ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަނިލް ވިދާޅުވީ ޑރ. ޝަހީދަށް ބައިނަލް އަގްވާމީ މިންގަނޑު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް އދ.ގެ އެއްވެސް ގުނަވަނަކަށް ނޭންގޭނެ ކަމަށެވެ.

"ދިވެހި ރާއްޖެއަކީ މިނިވަން ސިޔާސީ ސިޔާދަތެއް އޮންނަ މިނިވަން ގައުމެއް. ރާއްޖޭގައި ހިންގާނީ ދިވެހި ގާނޫނު އަސާސީގެ ގާނޫނާއި ގަވާއިދުތައް. ޑރ. ޝަހީދަށް ކިހިނެއްތޯ އެނގިވަޑައިގަންނަވަނީ އެކަން އެހެން ވާނެކަން. ނުފޫޒެއް ފޯރުވަނީތޯ އދ. ގުންވަންތަކަށް؟ އެހެން އެކަންވާ ނަމަ އެއީ ވަކި މައްސަލައެއްގެ ގޮތުގައި ދިވެހި ދައުލަތުން ބަލާނެ މައްސަލައެއް،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ އދ.ގެ ހިއުމަންރައިޓް ކޮމެޓީން މިހާރު ދަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲގާޒީ) ވަގަށް ނެގި މައްސަލަ ބަލަމުން ކަމަށާއި އެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމަކީ އިޖުރާއީ ގޮތުން ރަނގަޅު ހުކުމެއް ނޫންކަމަށް އދ.ގެ ވޯކިން ގްރޫޕަރުން މީގެ ކުރިން ވަނީ ނިންމާފައި ކަމަށެވެ.

"މި މައްސަލަ ބަލަމުންދާ އިރު ރާއްޖޭގެ ފަރާތުން ވެސް ވަނީ މި މައްސަލާގައި ޖަވާބުދާރީވެފައި. ދިވެހި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް ވާނީ ބުނެފައި. ރާއްޖޭގެ އެންމެނަށް ވެސް އެނގޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވަގަށް ނެގީ ކާކު ކަން. އެކަން އެނގެނީ އަޅުގަނޑުމެންގެ ލޯމަތީގައި މި ކަން ހިނގުމުގެ އިތުރަށް ރައީސް ނަޝީދު ވަނީ އެތައް ފޯރަމްތަކެއްގައި މިކަމަށް އެއްބަސްވެފައި." އަނިލް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ޖަލު ހުކުމެއްގައި ހުންނަ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް ރައީސް ނަޝީދު މިހާރު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގަ އެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ނަޝީދު ލަންކާއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ.