މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ތ. ބުރުނީ "ނޫރު" ނަމަކަށް ކިޔާ އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އޭރު ދޯނި އޮތީ ހދ. ނޮޅިވަރަމާ ދިމާލު ބޭރުގައި ކަމަށް ދޯނީގެ ވެރިފަރާތުން ބުނި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ދޯނި މަހަށް ނިކުމެފައިވަނީ 11 މީހުންނާއެކުއެވެ. ދޯނި ގެއްލިގެން އުޅޭކަމުގެ ހަބަރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ވަނީ މިއަދު ހެނދުނު 8:33 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ފަސްދޮޅަސް ފަސް ފޫޓުގެ އެ ދޯނީގެ ބޭރުގައި ވަނީ މަޑު ނޫކުލައިގެ ދަވާދު ލާފައެވެ. އަދި ދޯނީގެ ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.