14 Aug 2011, 15:11
ވޯކް ވިސާފީ އާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ފައިސާ ނުދައްކައި ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ އިމިގްރޭޝަން ޑިޕާޓްމަންޓް އިން ކުރިން ދެމުން ގެންދިޔަ ނަމަވެސް، އެ ފަރާތްތަކަށް ނުފެރޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމުގައި ކޮންޓްރޯލަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިއަދު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަވައިދާ ހިލާފަށް އުޅެފައި، ލިޔެކިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް ފަސޭހައިން ފުރައިގެން ނުދެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ހުރިހާ ލިޔެކިޔުންތައް ފުރިހަމަ އަށް ނެތް އަދި ވިސާފީ ދައްކާފައިނުވާ ބިދޭސީންނަށް ނުފުރޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމުގައި ކޮންޓްރޯލަރު ވިދާޅުވި އެވެ.
"ވިސާ ނެތް، އައިޑީ ކާޑު ނެތް، އެކަމާ ބެހޭ ޑޮކިއުމެންޓްތައް ހަމަނުވާ، ހަމަ އެއްވެސް ފަރާތަކަށް ނުފުރޭނެ. އަޅުގަނޑުމެން މި ބުނަނީ، ވަކި އެއްޗެއް ނޫނޭ، ހުރިހާ އެއްޗެއް ވެސް ފުރިހަމަވެފައޭ ހުންނަން ވާނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، އެގޮތަށް ހަމަޖެއްސީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް އެކަމުގައި ޒިންމާވާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެބިދޭސީން އެތެރެކުރާ ފަރާތްތައްވެސް ޒިންމާ ނަގަން ޖެހޭނެ ކަމަށާއި
އެ ހުރިހާ ފަރާތްތަކެއް އިމިގްރޭޝަނަށް ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމުގައި ކޮންޓްރޯލަރު ވިދާޅުވި އެވެ.
އަދި އެގޮތަށް، އިމިގްރޭޝަނުން އަމަލުކުރަން ފެށުމުން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ނަމަވެސް، އެނިންމުން ބަދަލު ނުކުރާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
"މި ގޮތަށް މިކަން ކުރަން ފެއްޓީމާ ބައެއް ފަރާތްތަކުން އެބަ ބުނޭ ގަވައިދާ ހިލާފަށް ފުރައިގެން ދިޔައިމަ ނިމުނީ ނޫންހޭ. އަޅުގަނޑާ ކޮންބެހޭ ކަމެއް ނުންހޭ. އަޅުގަނޑުގެ ސުވާލަކީ އިމިގްރޭޝަންގެ މީހުން އެތާ ދޮރާށީގައި ބަހައްޓަނީ ކީއްކުރަންތޯ؟ އަންނަ ބަޔަކު އައިސް ފުރައިގެންދާ ބަޔަކު ދާންވީ ނުންތޯ؟" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރަށް ވޯކްވިސާ ފީއާއި ޖޫރިމަނާ ދައްކާފައިނުވާ ބިދޭސީންނަށް ފުރުމުގެ ހުއްދަ ދީފައިވަނީ ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމް އެވެ. އެގޮތަށް އޭރު ނިންމާފައިވަނީ، ފުރަން އެދޭ ބިދޭސީންނަށް ނުފުރުމުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ގިނަވާނެތީ އެވެ. ބިދޭސީން ފުރައިގެން ދިޔަ ނަމަވެސް، އެމީހުން ގެނައި ފަރާތްތަކުން ސަރުކާރަށް ބަރާބަރަށް ފައިސާ ދައްކަން ޖެހެ އެވެ.