11 Jan 2018, 09:29
ރޮހިންގާ ދަރިކޮޅުގެ މީހުންގެ ވާހަކަތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ރޮއިޓާސްގެ ދެ ނޫސްވެރިއަކު މިޔަންމާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި އެވެ.
އެ ދެ ނޫސްވެރިންނަކީ ރާކިން ސްޓޭޓުގައި ހަރަކާތްތެރިވި ދެ ނޫސްވެރިންނެވެ. އެ ދެމީހުން ހައްޔަރު ކުރީ މިޔަންމާގެ "ގައުމީ ސިއްރުތަކުގެ ގާނޫނު" ގެ ދަށުންނެވެ. އެ ގާނޫނަކީ "ބަރުމާ"ގެ ނަމުގައި މިޔަންމާ އޮތް އިރު 1932 ވަނަ އަހަރު އުފެއްދި ގާނޫނެކެވެ.
މިޔަންމާއަށް ނިސްބަތްވާ، ވާ ލޯން އަދި ކިޔައު ސޯ ހައްޔަރުކޮށް އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވާ އިރު އެ ދެމީހުންނަށް ދައުވާ ކުރީ ކީއްވެ ކަމެއް އެހާބޮޑަށް ސާފުނުވާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ. އަދި އެ ދެ މީހުންނަށް ކުރާ ދައުވާގެ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށް ވެސް ރޮއިޓާސްގެ ޗީފް އެޑިޓަރު ސްޓެފަން އެޑްލާ ބުނެފައިވެ އެވެ. އޭނާ ބުނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ.
އެ ދެ ނޫސްވެރިން ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ އެވެ. ކަފާލާތުގެ ދަށުން ދެ ނޫސްވެރިން ދޫކޮށްލުމަށް އެދިފައިވާ އިރު، ވާ ލޯން ބުނެފައިވާ ގޮތުން މިޔަންމާ އަސްކަރިއްޔާ އިން މަސައްކަތް ކުރަނީ ނޫސްވެރިން ކުރާ މަސައްކަތް ހުއްޓުވައި އެމީހުންގެ އަމަލުތައް ދުނިޔޭގެ ކުރިމައްޗަށް ގެނައުން ހުއްޓުވާށެވެ.
މިޔަންމާގައި ހިންގަމުންދާ ޖަރީމާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވި 11 ނޫސްވެރިއަކު މިދިޔަ އަހަރު މިޔަންމާ އަސްކަރިއްޔާ އިން ވަނީ ހައްޔަރުކޮށްފަ އެވެ.