އެމެރިކާގެ ރިޔާސީ ރޭހުގައި އޯޕްރާ ވިންފްރީ ވާދަކޮށްފިނަމަ ބަލިކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ޓްރަމްޕް ވިދާޅުވީ އޯޕްރާ އަކީ ޓްރަމްޕްގެ ފޭވަރިޓެއް ކަމަށާއި އިންތިހާބުގައި އޯޕްރާ ވާދަކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އޯޕްރާ އިންތިހާބުގައި ވާދަކޮށްފިނަމަ އޯޕްރާ ބަލިކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު ޕާސަނަލިޓީ އޯޕްރާ އެމެރިކާގެ ރިޔާސީ އިންތހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށާއި ނަމަވެސް އަދި އެކަހަލަ ވިސްނުމެއް ނުގެންގުޅޭކަމަށް އޭނާގެ ގާތް މީހަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން ނިމިގެންދިޔަ ގޯލްޑަން ގްލޯބްސް ހަފްލާގައި އޯޕްރާ ދިން ސްޕީޗްގައި ކަޅު ނަސްލުގެ އަންހެނުންނާއި، އަންހެނުންގެ ހައްގުތަކާ ގުޅެގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން 2020 ގައި އެމެރިކާގައ ބާއްވާ އިންތިހާބުގައި އޭނާ ވާދަ ކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

އޯޕްރާ ވިންފްރީ---

ނަމަވެސް އެމެރިކާގެ އިންތިހާބެއްގައި ސެލެބްރިޓީއަކު ވާދަކުރުމުގެ ފުރުސަތު ޑިމޮކްރެޓިކް ޕާޓީ އިން ދީފާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެމެރިކާގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޯޕްރާގެ ގާތް މީހަކާ ހަވަލާދީ ދަ ގާޑިއަން ނޫހުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އެއްވެސް ޝައުގުވެރިކަމެއްް އޭނާގެ ނެތް ކަމަށެވެ.

އޯޕްރާ އަކީ ސިޔާސީ މީހެއް ނޫން ނަމަވެސް އެނާ ހުށަހަޅައިދިން ބައެއް ޕްރޮގްރާމްތަކުގައި ވަނީ ސިޔާސީ މައުޟޫތަކަށް މަޝްވަރާކޮށްފައެވެ.