10 Jan 2018, 20:43
ކްލަބް އީގަލްސްގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.
ދ. ކުޑަހުވަދުއާ އެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް އުފުލާލައި އެޓީމަށް ދިވެހި ޕްރިމިއާ ލީގުގައި އިރުޝާދުދިން ކޯޗު މޯހަން، އީގަލްސްގެ ކޯޗުކަމާ ހަވާލުވިކަން އެކްލަބުންވަނީ "ސަން ސްޕޯޓްސް"އަށް ކަށަވަރުކޮށްދީފައެވެ.
މޯހަން ޓީމުގެ ކޯޗުކަމަށް ހަމަޖެއްސުމާ ގުޅިގެން އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ މޯހަންއަކީ އީގަލްސްގެ ޒުވާން ޓީމަށް އެންމެ އެކަށޭނެ ކޯޗު ކަމަށާއި، އީގަލްސްއަށް ކުރިން ކޯޗުކޮށްދިން އިހުސާން އަބްދުލްޣަނީ (ސާންތި)އާއި އެއް ފެންވަރެއްގެ ކޯޗެއް ކަމަށެވެ.
"މޯހަންއަކީ ހަމަ ސާންތިއާއި އެއް ފެންވަރެއްގެ ކޯޗެއް. ދެ ކޯޗުން ގެންގުޅޭނަމަ ގެންގުޅޭނެ ދެ ކޯޗުންނަކީވެސް މިއީ. މީގެކުރިންވެސް ގިނަ ޒުވާން ކުޅުންތެރިން ގޮވައިގެން ތަފާތު ދައްކާފައިވާ ކޯޗެއް މޯހަން އަކީވެސް. އެހެންވީމަ ފުރިހަމަ ޔަގީންކަން އެބައޮތް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު މޯހަން ތަފާތު ދައްކާނެ ކަމަށް،" މުފާ ވިދާޅުވިއެވެ.
ގައުމީ ޓީމަށް ދިގު މުއްދަތަކަށް ކޯޗެއްގެ ގޮތުގައި ޚިދުމަތް ކޮށްދިނުމުގެ އިތުރުން މޯހަން ވަނީ ރާއްޖޭގެ ކޯޗިން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދީފައިވާއިރު، 2012 ވަނަ އަހަރު އޭނާގެ ކޯޗުކަމުގެ ދަށުން އެ ކްލަބް ވަނީ ދިވެހި ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ އެ ލީގު ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އޭއެފްސީން 2014 ވަނަ އަހަރު ކެމްބޯޑިއާ އާއި މޮންގޯލިއާގައި ބޭއްވި ކޯޗިންގް ކޯހުގައި އިންސްޓްރަކްޓަރެއްގެ މަގާމު އަދާކޮށް، ބޭރު ގައުމެއްގައި ބޭއްވި ކޯޗިން ކޯހެއްގައި އިންސްޓްރަކްޓަރުކަން އަދާކުރި ފުރަތަމަ ދިވެހި ކޯޗުގެ ފަހުރުވެސް ހާސިލް ކޮށްފައެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ އީގަލްގެ ކެޕްޓަން އިމްރާން ނާޝިދު (އިންމަ) އަންނަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުމަށް އެއްބަސް ވެފައިވާއިރު، އެ ކުލަބުން ބުނެފައިވަނީ އިންމަ ނެތްތަން ފޫބެއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޓީމުގައި ތިބި ލޯކަލް ކުޅުންތެރިންގެ ތެރެއިން މުޖްތާޒު މުހައްމަދު (މުޖޭ) އާއި ކެޕްޓަން އިންމަ ނޫން އެހެން ހުރިހާ ކުޅުންތެރިން ވަނީ ކްލަބުގައި އަންނަ ސީޒަންގައިވެސް މަޑުކުރުމަށް ކޮންޓްރެކްޓް އައުކޮށްފައެވެ. އަދި ވޭތުވެދިޔަ ސީޒަންގައިވެސް އެޓީމުން ފެނިގެންދިޔަ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާއާއެކު އަދި އިތުރު ތިން ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށްވެސް ކްލަބުންވަނީ ބުނެފައެވެ.