ޖަރުމަނުވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖެން ރޮޑާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާ ޖަރުމަން ވިލާތަކީ ގާތް އެކުވެރި ދެ ގައުމު ކަމަށެވެ. ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޖަރުމަނު ސަފީރު ރޮޑާ ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާވެސް ބައްދަލު ކުރައްވައިފައެވެ. އެމްޑީޕީގެ އިސްބޭފުޅުންނާއެކު މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވަައިފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ހާލަތާ ގުޅޭގޮތުން އެބޭފުޅުން ވަނީ ސަފީރާ މަޝްވަރާ ކުރައްވައިފައެވެ.

ޖެން ރޮޑާ އަކީ ލަންކާ އަށާއި ރާއްޖެއަށް ޖަރުމަނު ވިލާތުން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. ރޮޑާ މަސައްކަތް ކުރައްވަނީ ލަންކާގައި ހުންނަ ޖަރުމަނުވިލާތުގެ އެމްބަސީގައެވެ.