ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖެން ރޮޑާ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، މަސައްކަތްކުރުމަށް ގާއިމްކުރެވިފައިވާ ވަސީލަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް ޑިފެންސް މިނިސްޓަރު ވަނީ ޖަރުމަން ސަފީރާ ހިއްސާ ކުރައްވައިފައެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އަރިހުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.