14 Aug 2011, 13:11
މަގުބޫލު އުޒުރެތްނެތި ޖެހި ޖެހިގެން 10 ޖަލްސާއަކަށް ހާޒިރުވެފައި ނުވާކަމަށް ބުނެ ބ. ތުޅާދޫ ކައުންސިލުން ވަކިކުރި އުމައިރާ އަބޫބަކުރުގެ އެއް މަހުގެ މުސާރައާއި އިނާޔަތްތައް ހިފަހައްޓައިފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އުމައިރާ ކައުންސިލުން ވަކިކުރިކަން އެންގި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އުމައިރާގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ އެއްވެސް ފައިސާއެއް އޭނާއަށް ދީފައި ނުވާކަމަށެވެ. އެ ފައިސާ ނުދީ ހިފަހައްޓާފައި ވަނީ އުމައިރާ އަކީ ކައުންސިލްގެ މެންބަރެއް ކަމަށް ކައުންސިލުން ގަބޫލުނުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް އެއްވެސް ފަރާތަލުން އަންގާފައެއް ނެތް އުމައިރާ އަކީ މި ކައުންސިލްގެ މެންބަރެއް ކަމަކަށް. އެހެންވެ އަޅުގަނޑުމެންނަށް ބެލެވޭނީ އެއީ މިކޮޅުން ނިންމި ގޮތަށް ކައުންސިލްގެ މެންބަރެއް ނޫންކަމަށް. އެހެންވެ އަޅުގަނޑުމެންނަށް އެބޭފުޅާގެ މުސާރައާއި އިނާޔަތް ދެވޭކަށްނެތް،" ރަޝީދު ވިދާޅުވި އެވެ.
އުމައިރާއަށް މުސާރަ ދިނުމާއި މެދު ގޮތެއް ނިންމޭނީ ޝަރުއީ ކޯޓަކުން އުމައިރާއަށް މުސާރަ ދިނުމަށް ނިންމުމުން ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
"އަޑު އިވިފައި އޮތީ ޑީއާރުޕީން ކުރި ދައުވާއަށް ގޮތެއް ނިންމެވި ކަމަށް. ނަމަވެސް އެ ރިޕޯޓް އަދި ނުލިބޭ. އެ ރިޕޯޓަށް ބަލާފައި އެ ހުކުމުން އުމައިރާއަކީ މި ކައުންސިލްގެ މެންބަރެއް ކަމަށް ވަންޏާ މުސާރަދެވިދާނެ. ޝަރުއީ ކޯޓަކުން އެގޮތަށް ނިންމުމުން މުސާރައި ހަމަޖެހޭނީ،" ރަޝީދު ވިދާޅުވި އެވެ.
އުމައިރާގެ އެއްމަހުގެ މުސާރަ އާއި އިނާޔަތްތައް ހިފެހެއްޓި މައްސަލައިގާ އޭނާ މިއަދު ވިދާޅުވީ ހައިކޯޓުގެ ހުކުމަށް ކައުންސިލުން އަމަލުކުރާ ގޮތެއް ބެއްލެވުމަށް މަޑުކުރައްވައިގެން ހުންނެވީ ކަމަށާއި ކައުންސިލުން އޭނާއަށް މުސާރަދޭންޖެހޭނެ ކަމަށެވެ.
"އަޅުގަނޑަކީ ކައުންސިލްގެ މެންބަރެއް. އަޅުގަނޑު މަޑުކޮށްލައިގެން މި ހުންނަނީ ކައުންސިލުން ކޯޓުގެ ހުކުމަށް ބަލާފައި ގޮތެއް ނިންމަވަންދެން. އެބޭފުޅުން އަދިވެސް ގަބޫލު އެ ކުރައްވަނީ އަޅުގަނޑަކީ ކައުންސިލްގެ މެންބަރެއް ނޫންކަމަށް،" އުމައިރާ މިއަދު ވިދާޅުވި އެވެ.
ހައިކޯޓުން ހުކުމްކޮށްފައިވަނީ، ތުޅާދޫ ކައުންސިލްގެ ބައި- އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.