އިނގިރޭސި ލީގު ކަޕު ސެމީ ފައިނަލް ފުރަތަމަ ލެގުން ސިޓީ މޮޅުވި ނަމަވެސް ދެވަނަ ލެގު ފަސޭހަ ނުވާނެ ކަމަށް ބްރިސްޓަލް ސިޓީގެ ކޯޗު ލީ ޖޯންސް ބުނެފިއެވެ.

ރޭގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ބްރިސްޓަލްއިންނެވެ. ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ބްރިސްޓަލް ކުރީގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން 10 މިނެޓް ތެރޭގައި ކެވިން ޑިބްރޭނާގެ ގޯލުން ސިޓީވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ސިޓީގެ ދެވަނަ ގޯލް ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިނީ މެޗުގެ 92 ވަނަ މިނެޓުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރިސްޓަލްގެ ކޯޗު ޖޯންސް ބުނީ ރޭގެ މެޗުގައި ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށާއި، އަދި މިނިމުނީ ސެމީ ފައިނަލްގެ އެއް ހާފް ކަމަށެވެ.

"އެންމެންނަށްވެސް އެނގެން ޖެހޭ އަދި ނިމުނީކީ ނޫންކަން. އަދި މި ނިމުނީ އެއް ހާފް. މިރޭވެސް ސިޓީގެ ދަނޑުން އިވޭނެ ބްރިސްޓަލް ސަޕޯޓަރުންގެ އަޑު. އެޝްޓަން ގޭޓް (ބްރިސްޓަލް ސިޓީ ދަނޑު) ގައި އޭގެ 22،000 މީހުންގެ އަޑު ހުންނާނެ،" ޖޯންސަން ބުންޏެވެ.

ޖޯންސަން ބުނީ ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ގާތުގައި ބުނެފައިވަނީ އެތިހާދުގައި ކުޅޭ ގިނަ ޕުރިމިއާލީގު ކުލަބުތަކަށްވުރެ ރޭ ބްރިސްޓަލްއިން ކުޅުނު ކުޅުން ރަނގަޅު ކަމަށެވެ. އަދި ހަމަ ޔަގީނުންވެސް ބްރިސްޓަލް "ބަސް ޕާކު" ނުކުރާކަމަށް ޖޯންސަން ބުންޏެވެ.

ބްރިސްޓަލް ސެމީއަށް ދަތުރުކުރީ އިނގެރޭސި ޕްރިމިއާލީގުގެ ޓީމުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ވަޓްފޯޑާއި ކުރިސްޓަލް ޕެލެސް އަދި ސްޓޯކް ސިޓީވެސް އެ ޓީމުގެ ދަނޑުގައި ބަލިކުރުމަށްފަހުއެވެ.

ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލް ޖެހި ޑިބްރޭނާ ބްރިސްޓަލް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަނީ --- ފޮޓޯ/ އޭޕީ

މެޗަށްފަހު ސިޓީގެ ކޯޗު ގާޑިއޯލާވަނީ ބްރިސްޓަލްއަށް ތައުރީފް ކޮށްފައެވެ. ގާޑިއޯލާ ބުނެފައިވަނީ ޕްރިމިއާލީގުގެ ޓީމެއް ކަޓުވާލާ ސެމީއަށް ދަތުރު ކުރެވޭނީ ވަރަށް ރަނގަޅު ކުޅުންތެރިން ހިމެނޭ ޓީމަކަށް ކަމަށާއި، ބްރިސްޓަލްއަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ.

މީގެއިތުރުން ގާޑިއޯލާ ބުނެފައިވަނީ އިނގިރޭސި ދެވަނަ ޑިވިޝަނަކީ މުޅި ދުނިޔޭގެވެސް އެންމެ ވަރުގަދަ ދެވަނަ ޑިވިޝަން ކަމަށާއި، އޭގެ ސަބަބުން ކަޕު މެޗުތަކުގައި ހީނުކުރާކަހަލަ ނަތީޖާތައް ނުކުންނާނެ ކަމަށެވެ.

ސިޓީއާއި ބްރިސްޓަލް ވާދަކުރާ ލީގު ކަޕުގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.