10 Jan 2018, 17:53
ކުއަލަލަމްޕޫރު (ޖެނުއަރީ 10): މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370 ހޯދައިފިނަމަ އެމެރިކާގެ ކުންފުންޏަކަށް 70 މިލިއަން ޑޮލަރު ދޭން މެލޭޝިއާއިން އެއްބަސްވެއްޖެ އެވެ.
ކަނޑުއަޑި ބަލައި ހޯދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝެން އިންފިނިޓީން މެލޭޝިއާގެ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެމްއެޗް370 ހޯދައިފިނަމަ އެކުންފުންޏަށް ދޭނެ އަގު ނިންމާނީ ބޯޓު ފެންނަ ސަރަހައްދަކުންނެވެ.
އެގޮތުން އެކުންފުނިން ފުރަތަމަ ހޯދާ 5،000 ސްކޮއާ ކިލޯމީޓަރުގެ ސަރަހައްދުން ބޯޓު ފެނިއްޖެނަަމަ އެކުންފުންޏަށް ލިބޭނީ 20 މިލިއަން ޑޮލަރެވެ. އަދި މިހާރު ހޯދަން ނިންމާފައިވާ 25،000 ސްކޮއާ ކިލޯމީޓަރަށް ވުރެ ބޭރުން ބޯޓު ފެނިއްޖެ ނަމަ އެކުންފުންޏަށް 70 މިލިއަން ޑޮލަރު ދޭނެ އެވެ.
އޯޝެން އިންފިނިޓީން ބޯޓު ހޯދުމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ މިމަހުގެ މެދުތެރޭގައި އެވެ. އަދި 90 ދުވަހަށް ދެމިގެންދާ އެމަސައްކަތުގައި ބަލަން ހަމަޖެހިފައި ވަނީ މީގެ ކުރިން ހޯދާފައި ނުވާ ސަރަހައްދެކެވެ. ނޯވޭގެ ރިސާޗް ވެސެލްއެއް ކަމަށްވާ ސީބެޑް ކޮންސްޓްރަކްޓާ ބޭނުންކޮށްގެން ކަނޑުއަޑި ހޯދުމަށްޓަކައި ސޯނާ އާއި ކެމެރާ ހުންނަ، އަދި 6،000 މީޓަރު އަޑިއަށް ދެވޭ ޑްރޯން ބޭނުން ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މާޗް، 2014 ވަނަ އަހަރު 239 ފަސިންޖަރުންނާއެކު މެލޭޝިއާ އިން ފުރައިގެން ޗައިނާއަށް ދަތުރު ކުރި ބޮއިން 777 މަރުކާގެ އެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
އެ ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރި މަސައްކަތުން ވެސް ބޯޓުގެ ބަލްކުގެ ބައެއް ފެނިފައެއް ނުވެ އެވެ.
އެގޮތުން ބޯޓު ހޯދުމަށް 1000 އަށްވުރެ ގިނަ ދުވަސް ވަންދެން ހިންގި އޮޕަރޭޝަން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުއްޓާލައިފަ އެވެ. (އެންޑީޓީވީ)