10 Jan 2018, 15:29
އޭޝިއާގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ މުބާރާތް އަންނަ މާޗު މަހު ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އޭވީސީ ބީޗް ވޮލީބޯޅަ ކަލަންޑަރުގައި 19 އަހަރުން ދަށުގެ އަންހެން މުބާރާތް ތާވަލްކޮށްފައި ވަނީ މާޗު މަހުގެ 22 އިން 24 އަށެވެ. އަދި ފިރިހެން މުބާރާތް ކުރިއަށްދާނީ މާޗު 28 އިން 30 އަށެވެ.
މިއީ މުޅި އޭޝިއާއަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި އޯޝޭނިއާ އަދި އޭޝިއާގެ ގައުމުތަކަށް ވާދަކުރެވޭނެއެވެ. ވޭތުވެދިޔަ އަހަރުގެ 19 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީ މުބާރާތް ބާއްވާފައިވަނީ ތައިލެންޑްގެ ޝޮންގްލާގައެވެ. މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ޗެމްޕިއަނުންނަކީ އީރާނެވެ. އަދި އަންހެން ޗެމްޕިއަނުންނަކީ އޮސްޓްރޭލިއާއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުބާރާތް ބާއްވާނީ މާލޭގެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ކަމަށެވެ.
"މުބާރާތް ބާއްވާނީ މާލޭގައި، އޭރުން ގިނަ ސަޕޯޓަރުންނަށް ފެންނާނީ. ބައިވެރިވާނެ އޭޝިއާގެ ހުރިހާ ގައުމުތަކަކުންވެސް،" އޭނާ ވިދާޅުވިއެވެ.
ލަތީބެ ވިދާޅުވީ ބައިވެރިވާ ގައުމުތަކުގެ ނަންތައް އަދި ފައިނަލް ނުވާ ކަމަށާއި، ލަފާކުރެވެނީ ފިރިހެން ޑިވިޝަންގައި 21 ގައުމު އަދި އަންހެން ޑިވިޝަންގައި 18 ގައުމު ބައިވެރިވާނެ ކަމަށެވެ.
ވޭތުވެދިޔަ އަހަރު ރާއްޖޭގައި ވަނީ އޭވީސީގެ ދެ މުބާރާތެއް ބާއްވައިފައެވެ. އެގޮތުން ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ އިތުރުން ދެން ރާއްޖޭގައި ބާއްވާފައިވަނީ އޭޝިއަން ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތެވެ.