ރާއްޖޭގޭގެ ސްކޫލްތަކުގެ ތެރެއިން އާބާދީ މަދު ސްކޫލުތަކުގައި 'ވާޗުއަލް' ކޮށް ކިޔަވައިދޭން ސަރުކާރުން ނިންމައިފިއެވެ.

ދީރާސީ އާ އަހަރަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކަކާ ގުޅޭގޮތުން ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އާބާދީގައި 50 އަށް ވުރެ މަދު ކުދިން ހިމެނޭ ކޮންމެ ސްކޫލެއްގައި 'ވާޗުއަލް' ކޮށް ކިޔަވައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

"ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވާޗުއަލްކޮށް ކިޔަވައިދޭން ފަށަން އިއުލާން ކުރާނަން. 50 އަށް ވުރެ އާބާދީ މަދު ސްކޫލު ތަކުގައި ވާޗުއަލް ޓީޗިންގގެ ނަމުގައި ކިޔަވައިދޭން ފަށާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ މަދު ކޮންމެ ސްކޫލަކަށް އިތުރު ހާއްސަ އިސްކަމެއްދޭން ޖެހޭ ކަމަށާއި 120 ކުދިންނަށް ވުރެ މަދުން ތިބި 44 ސްކޫލެއްގައި މިހާރުވެސް "މަލްޓީ ގްރޭޑް ޓީޗިން" ޕްރޮގްރާމް ކުރިއަށް ގެންދަމުންދާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެ ކަމަށާއި ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ސްކޫލްތަކެއްގައި ކޮންމެ މާއްދާއަކަށް ޓީޗަރުން ހަމަވާނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔަވަން ފެށުމަށް ހުރިހާ ސްކޫލްތަކުން ވެސް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށްވެސް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ހަމައެއާއެކު ކުދިން ކިޔަވަން ބޭނުންވާ ޓެކްސްޓް ފޮތްތައް ހަމަކޮށްފައިވާނެ ކަމަށާއި އަލަށް އިމާރާތް ކޮށްފައިވާ ކްލާސްރޫމްތަކުގެ އަދަދު 800 އާ ގާތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ކިޔަވަން ހަމަޖެހިފައިވަނީ އެ ސްކޫލުގެ އާ އިމާރާތުގައި،" އައިޝަތު ޝިހާމް ވިދާޅުވިއެވެ.