ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން މި އަހަރު ކިޔަވައިދޭން ފެއްޓޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީންކޮށްފައިވާ ކަމަށާއި އަދި މި އަހަރު އެ ޓީޗަރުން ސްކޫލުތަކުގައި ކިޔަވައިދޭން ފައްޓާނެ ކަމަށެވެ.

"މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ބެލެނިވެރިންނާއި ރަށްރަށަށް ވެސް ލިބުނު ކާމިޔާބީއެއް. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ މަސައްކަތުގައި މި އަހަރު ގިނަ ޓީޗަރުން ތަމްރީންކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުދިންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނަން،" ސިޔާސަތުގެ ދަށުން ހުރިހާ ކުދިންނަށް ތައުލީމް އުނގެނުމުގެ ފުރުސަތު ފޯރުކޮށްދެވިފައިވާ ކަމަށާއި ރާއްޖޭގެ ތައުލީމު ހާސިލު ކުރާ އުމުރުގެ ހުރިހާ ކުދިންނަށް ތައުލީމް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދިންނަށް ފޯރުކޮށްދެވޭ ތައުލީމަކީ ފެންވަރު މަތިކޮށް ދެވޭ ތައުލީމަކަށް ވާނެ ކަމަށާއި އެގޮތުން އަހަރުގެ ފުރަތަމަ ޓާމު ނިމެންވާއިރަށް ކޮންމެ ކުއްޖެއްގެ އަތުގައި ވެސް "ޓެބްލެޓް"އެއް އޮންނާނެ ކަމަށެވެ.