ފޯނެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫގައި އޮންނަވާ ގޮޅި ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ރޭ އަދީބުގެ ގޮޅި ފޮރެންސިކް ފުލުހުން ބަލާ ފާސްކުރިކަން އަދީބުގެ ވަކީލު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުން އަދީބުގެ ގޮޅި ފުލުހުން ބަލާ ފާސްކުރީ ފޯނެއް ގެންގުޅޭ ކަމުގެ ތުހުމަތުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން މިވަގުތު މީޑިއާއަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަަމަށެވެ. އަދީބުގެ ގޮޅި ބަލާ ފާސްކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގެއް ނުކުރެއެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އަދީބު ދޫނިދޫގައި އޮންނަވާ ގޮޅި ބަލާ ފާސްކޮށްފައެވެ. އޭރު ގޮޅި ފާސްކުރީ މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުގައި ނަގަން އުޅުނު ވޯޓާ ދިމާކޮށެވެ.

އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.