10 Jan 2018, 14:00
އެކިއެކި މީހުންނަށް ސިފައިން ސެކިއުރިޓީ ފޯރުކޮށްދެމުން ގެންދަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފޯރުކޮށްދެމުންދަ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނިކޮށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީގެ ކަންކަމަކީ ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށްދާ ކަންކަން" ކަމަށެވެ.
އާޒިމް ވިދާޅުވީ ސިފައިން ފޯރުކޮށްދެމުން ގެންދާ ސެކިއުރިޓީއާ ގުޅޭ ކަންކަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މީޑީޔާއާ ހިއްސާ ކުރަމުން ގެންދަވާނެ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވީ ސީދާ ރައީސް މައުމޫންގެ ސެކިއުރިޓީއާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކައާ ގުޅޭގޮތުން ކަމެއް އާޒިމް ވިދާޅެއް ނުވެއެވެ.
އެމްއެންޑީއެފުން މިހެން ބުނިއިރު މައުމޫނު ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން އިއްޔެ ފަށާފައި ވަނީ އެމަނިކުފާނަށް ނުރައްކާތެރި ހަމަލާއެއް ބަޔަކު ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކަމަށް ބުނެއެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫނު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް ހެއްކެއް އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށެވެ.
އަދި ނުރައްކާތެރި ހަމަލާގެ ތަފްސީލު ދެއްވުމަށް އެމްއެންޑީއެފްގައި ސިޓީއަކުން އެދިފައިވާނެ ކަމަށް މައުމޫނު ވިދާޅުވިއެވެ. އެމައުލޫމާތު އެނގިފައި އޮތުމަކީ އަމިއްލަ ސަލާމަތަށް ވިސްނައިގެން އުޅުމަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.