10 Jan 2018, 13:41
ފުލުހުންގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބައެއް ކަހަލަ ބޮޑެތި ބަދަލުތައް ގެނެސްފިއެވެ.
ފުލުހުންގެ ހިންގުމުގެ ނިޒާމަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މީގެ ކުރިން 13 ބަޔަކަށް ބަހާލައިގެން ހިންގަމުންދިޔަ ބައިތައް ފަސް ބަޔަކަށް ބަދަލު ކުރުމެވެ. ދެން ފުލުހުންގެ އިދާރާ ހިންގަމުންދާނީ ފަސް ބައެއްގެ މައްޗަށެވެ. ނަމަވެސް ފަހުން އެކުލަވާލެވުނު ފަސް ބަޔަކީ ކޮބައިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ތަރުޖަމާން ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް އެ ސާވިސްގެ އައު އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ތަންތަނުގެ ވެރިންނަށް އައްޔަން ކުރާނެ އޮފިސަރުންނާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ޝިފާން ވިދާޅުވީ އަލަށް ގެނެވުނު ބަދަލަކީ މުއައްސަސާގެ އިންޓާނަލް ގަވަނަންސް އިތުރަށް ވަރުގަދަކުރުމާއެކު ހަރުދަނާކޮށް ފުލުހުން ދޭ ހިދުމަތަކީ ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތަކަށް ހެދުމަށް ގެނައި ބަދަލެއް ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ގެނެވުނު ބޮޑެތި ބަދަލުތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އެކަން މީޑީއާއާ ހިއްސާ ކުރާނެ ކަމަށެވެ.