ބެެއިޖިންގް (10ޖެނުއަރީ): ޕާކިސްތާނުގެ ގުވަދާގައި ކަނޑުގެ އަސްކަރީ މަރުކަޒެއް ބިނާކުރާ ވާހަކަ ޗައިނާއިން ދޮގުކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ލޫ ކޭންގް ޗައިނާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އަސްކަރީ މަރުކަޒު ބިނާކުރާ ވާހަކާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ލޫ ވިދާޅުވީ ޗައިނާ އިން ބިނާކުރަމުންދާ ވަން ބެލްޓް އެންޑް ވަން ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޗައިނާ- ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ބިނާކުރުމުގައި ދެ ގައުމަށް ވެސް އޭގާ ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމށާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް އެކަން އެނގޭ ކަމަށް ވެސް ލޫ ވިދާޅުވި އެވެ.

އެމެރިކާ އިން މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓެއްގައި ބުނީ ޗައިނާއިން މުޅި ދުނިޔެއަށް އަތްގަދަ ކުރުމުގެ ގޮތުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އަސްކަރީ ބޭސްތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޕާކިސްތާނުގައި ވެސް އަސްކަރީ ބޭހެެއް ހެދުމަށް ޗައިނާ އިން ތައްޔާރުވަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. ޗައިނާ އިން ބުނީ އެ ރިޕޯޓުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ޕާކިސްތާނުގެ ދުޝްމަން އިންޑިއާ އިން ވަނީ ސީޕެކްއާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. އިންޑިއާ އިން ބުނީ ސީޕެކްގަ ދަށުން ޗައިނާ އިން ދަނީ އިންޑިއާގެ އިމުގެ ތެރޭގައި މަގުތައް ހަދަމުން ކަމަށެވެ. ކަޝްމީރުގެ ސަރަަހައްދަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިލްކުވެރިކަން އުފެދިފައިވާ ސަރަހައްދެކެވެ.

މަސްދަރު : އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން