14 Aug 2011, 12:24
ބިދޭސީންނާ ގުޅޭ ހިދުމަތް ދެމުންދާ އިމިގްރޭޝަން އޮފީހުން ހިދުމަތް ލިބުން ލަސްވާތީ އާއި، ލޭބާ މިނިސްޓްރީން ދޭ ވޯކް ޕާމިޓް ލިޔުން އިމިގްރޭޝަނުން ގަބޫލު ނުކުރާތީ އެ އޮފީހަށް ހިދުމަތް ހޯދަން ގޮސް ތިބި ގިނަ ބަޔަކު އަޑުގަދަކޮށްފި އެވެ.
އިމިގްރޭޝަންގެ އެކްސްޕެޓްރިއެޓް މޮނިޓަރިން އެންޑް ރިޕެޓްރިއޭޝަން ޑިވިޝަނަށް ހިދުމަތް ހޯދަން ގޮސް ތިބި 100 އެއްހާ މީހުން އިމިގްރޭޝަން ކައިރީ އަޑުގަދަކުރަން ފެށީ މިއަދު 1:00 ޖަހާއެހާކަންހާއިރު އެވެ. ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށީ،ބިދޭސީން ގެނައުމަށް ލޭބާ މިނިސްޓްރީން ދޫކުރާ ލިޔުން އިމިގްރޭޝަނުން ގަބޫލުނުކުރުމުންނެވެ. އަދި އަނެއްބަޔަކު އިމިގްރޭޝަނަށް ފާޑުކިޔަމުންދިޔައީ ހިދުމަތް ލިބުން ލަސްވެ، ގިނަ ވަގުތު ކިޔޫގައި ތިބެން ޖެހުމުންނެވެ.
އިމިގްރޭޝަންގައި ހުރި މީހަކު ބުނި ގޮތުގައި، ބިދޭސީން ގެނައުމަށް ދޫކޮށްފައިވާ ލިޔުން އިމިގްރޭޝަނުން ގަބޫލުނުކުރީ އެ ލިޔުމުގައި ވޯކް ޕާމިޓް ޖަހާފައި އޮތުމުންނެވެ. ކުރިން އެލިޔުމުގައި އޮންނަނީ "އެމްޕްލޯއިމެންޓް އެޕްރޫވަލް" އެވެ.
"ކުރިންދޭ ވޯކް ޕާމިޓްގައި އޮންނަނީ އެމްޕްލޯއިމެންޓް އެޕްރޫވަލް ޖަހާފައި. އެކަމަކު މިހާރު ވޯކް ޕާމިޓް ޖަހަނީ. އެހެންވެ، އިމިގްރޭޝަނުން އެ ލިޔުން ބަލައިނުގަނޭ. ހިދުމަތެއްވެސް ނުދިން. އެކަމާ ރުޅިއައިސްގެން ގިނަ ބަޔަކު އަޑުގަދަކުރަނީ. އަނެއްކާ ރޯދަ މަހު ދުވާލު އެތައް އިރެއްވަންދެން ކިޔޫގައި ތިބެން ޖެހޭއިރު ހިދުމަތް ނުލިބޭތީ މި ރުޅިއަންނަނީ،" އޭނާ ބުންޏެވެ.
ހިދުމަތް ހޯދަން ގޮސް ތިބި މީހުން އަޑުގަދަކުރަން ފެށުމުން އިމިގްރޭޝަންގެ ގޭޓުގައި ވަނީ ތަޅުއަޅުވައިފަ އެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން ގޭޓް ހުޅުވައި އަލުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
އެ ސަރަހައްދަށް ފުލުހުން ވެސް ވަނީ ގޮސްފަ އެވެ. ނަމަވެސް، އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ބިދޭސީންގެ ގަވައިދު ބުނާ ގޮތުން ބިދޭސީން ގެނައުމަށް ދޫކުރާ ލިޔުމުގައި އޮންނަން ޖެހޭނީ އެމްޕްލޯއިމެންޓް އެޕްރޫވަލް ކަމަށެވެ. އެނޫން އެއްޗެއް ލިޔެފައިވާ ލިޔުންތައް ގަބޫލު ނުކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިއަދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރުމުން އިމިގްރޭޝަނުން ވަނީ އެ ލިޔުންތައް ގަބޫލުކޮށްފައި ކަމަށާއި އެހެންނަމަވެސް، މާދަމާއިން ފެށިގެން އެމްޕްލޯއިމެންޓް އެޕްރޫވަލް ޖަހާފައިވާ ލިޔުންތައް ގަބޫލުނުކުރާނެ ކަމުގައި ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އޭޖެންސީތަކަށް އަންގައިފަ އޮންނާނީ މާދަމާއިން ފެށިގެން ބަލައިގަންނާނީ ވޯކް ޕާމިޓް ޖަހާފައި އޮންނަ ލިޔުންތައް ކަން. އެ ފަރާތްތަކުން ބުނެފައި އޮތީ އެނޫން ގޮތަކަށް ލިޔުންތައް ]ލޭބާ މިނިސްޓްރީން[ ނުހޯދާނެ ވާހަކަ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
ލޭބާ މިނިސްޓްރީން ބިދޭސީން ގެނައުމަށް ދޫކުރާ ލިޔުމުގައި އެމްޕްލޯއިމެންޓް އެޕްރޫވަލް ޖަހަން ފެށީ އެ މިނިސްޓްރީން އާގަވައިދަށް އަމަލުކުރަން ފެށުމާއެކު އެވެ.