ދިއްލީ (ޖެނުއަރީ 10): މަލްބަރޯ ސިނގިރޭޓު އުފައްދާ ފިލިޕް މޮރިސް ކުންފުނިން އިނގިރޭސިވިލާތުގައި ސިނގިރޭޓް ވިއްކުން ހުއްޓާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފިލިޕް މޮރިސްއިން އިނގިރޭސި ނޫސްތަކުގައި ޖަހާފައިވާ އިޝްތިހާރެއްގައިވާ ގޮތުން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު 7.5 މިލިއަނަށް އަރަ އެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކާމިޔާބުކަމާ އެކު ސިނގިރޭޓު ބުއިން ހުއްޓާލި ނަމަވެސް ބައެއް މީހުން އެއާދަ ހުއްޓައެއް ނުލާނެ އެވެ.

އެހެންކަމުން އެ ކުންފުނިން ބޭނުން ވަނީ ސިނގިރެޓަށް ވުރެ ސިއްހަތަށް ރަނގަޅު ބާވަތްތައް ކަމަށް ބެލެވޭ އީ ސިނގިރޭޓު ފަދަ ތަކެތި އެ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ފިލިޕް މޮރިސްއިން ބުނެފައިވެ އެވެ. އަދި އެ ކުންފުނިން ވަނީ އާ ޕްރޮޑަކްޓްސްތައް ދިރާސާކުރުމަށް 2.5 ބިިލިއަން ޔޫރޯ އިންވެސްޓްކޮށްފައި ކަމަށްވެސް އެ އިޝްތިހާރުގައިވެ އެވެ.

އީ ސިނގިރޭޓަކީ އާދައިގެ ސިނގިރޭޓަށް ވުރެ ސިއްހަތަށް ރަނގަޅު އެއްޗެއް ކަމަށް ފިލިޕް މޮރިސްއިން ބުނި ނަމަވެސް އީ ސިނގިރޭޓުން ލިބޭ ގެއްލުންތަކާ ބެހޭގޮތުން ވެސް ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އީ ސިނގިރޭޓުގައި ވެސް ދެވިހިފާ ވަރަށް ނިކޮޓިން ހިމެނޭ ކަމަށާއި، ކެންސަރަށް މަގުފަހިވާ ފަދަ ބާވަތްތައް އޭގައި ހިމެނޭ ކަމަށް އެމެރިކާގެ ޖާނަލް އޮފް އެޑިކްޝަން މެޑިސިން އިން ވަނީ ފާހަގަކޮށްފަ އެވެ.