މޯލްޑިވްސް ޕޮލިސް ސަވިސް އަށް ހުށަހެޅޭ ބޮޑެތި ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ގާއިމުކުރި "މޭޖަ ކްރައިމް މެނޭޖްމަންޓް ސެންޓަރު"ގެ މަސައްކަތް ރަސްމީކޮށް ފައްޓައިފި އެވެ.

ބޮޑެތި ކުށްތައް ތަހުގީގުކުރުމަށް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ، އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ފުލުހުންގެ އިދާރާގެ ސްޕޯކްސް ޕާސަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ސަން އަށް "ސަން" ވިދާޅުވީ މޭޖަ ކްރައިމް މެނޭޖްމަންޓް ސެންޓަރު ފުލުހުންގެ ރަސްމީ އޮގަނައިޒިން ސްޓްރަކްޗަރުގެ ތެރެއަށް ލެއިގެން ހިންގެން ފެށީ އެއްޔެ އިން ފެށިގެން ކަމަށެވެ.

"ރަސްމީކޮށް އެ ސެންޓަރުގެ މަސައްކަތް ފެށިގެން ހިންގެން ފެށީ އިއްޔެ. މި ސެންޓަރުގެ ތެރެއިން ހާއްސަކޮށް އެކި ދާއިރާތަކަށް އަންނަވީ ވަސީލަތްތަކާއި އެދިމަ ދިމާލަށް ލިބެންވީ ތަޖުރިބާ ހޯދައިދިނުމަށް އަޅުގަނޑުމެން މިހާރު ވެސް މިދަނީ މަސައްކަތް ކުރަމުން." ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މޭޖަ ކްރައިމް މެނޭޖްމަންޓް ސެންޓަރަކީ ހަމައެކަނި ބޮޑެތި މައްސަލަތައް ތަހުގީގު ކުރާ ސެންޓަރެއް ނޫން ކަމަށާއި އެ މަސައްކަތުގެ އިތުރަށް އެ ސެންޓަރުން ތަހުގީގު ކުރުމަށް ލިބިދޭން ޖެހޭ އެހެނިހެން ހުނަރުތަކާއި ވަސީލަތްތައް ގެނުވައިދޭ ސެންޓަރެއް ކަމަށެވެ.

"އެ ސެންޓަރުގެ މަސައްކަތުގެ ތެރޭގައި ބޮޑެތި މައްސަލަތައް މަދުކުރުމާއި ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމާއި ފުލުހުންނަށް ހުށައަޅޭ މައްސަލަތަކަކީ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ޓްރާންސްޕޭރެންޓު އެންމެން ވެސް ގަބޫލު ކުރާ ގޮތަކަށް ތަހުގީގު ކުރެވިގެންދާ މައްސަލަތަކަކަށް ހެދުން. އަދި ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފު ހޯދަން ބޭނުންވާ ފަރާތްތަކަށް ޔަގީން ކަމާ އެކު އިންސާފު ލިބޭނެ ފަދަ ސިސްޓަމެއް ގާއިމް ކުރުމަށް އުފެއްދި ސެންޓަރެއް." ޝީފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ މޭޖަ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް މިދިޔަ އަހަރު ފަށައިގަތް އިރު ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން މި އަހަރު ތެރޭގައި އެ ދަތިކަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަހު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ހާއްސަ ކޮންސަލްޓެންޓެއް ރާއްޖެ އައިސް އެހީތެރިވެ ދެއްވާނެ ކަމަށެވެ.