ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑް "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސްއާ އެކު ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ޕާޓްނާޝިޕެއް ގާއިމުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސްއާ އެކު މިއަހަރު ވެސް ޕާޓްނާޝިޕެއް ގާއިމުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރުކުރަމުން. އަދި މި އެވޯޑާ އެކު ބޭންކުން މިދަނީ އެ ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގުވަޒަންކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ވޭތުވެ ދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށް ޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެ އެވޯޑްތައް ލިބޭ ފަރާތްތައް އާންމު ކުރުމަށް ހާއްސަ ރަސްމިޔާތެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް ދެ އަތޮޅުގައި 34 ބްރާންޗް، 33 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 92 އޭޓީއެމް، 4900 ޕީއޯއެސް މާޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތްދޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިއީ ރާއްޖޭގެ ވިޔަފާރިއާއި މާލީ ދާއިރާއާ ގުޅޭ ހަބަރުތައް ގެނެސްދޭ " ކޯޕަރޭޓް މޯލްޑިވްސް" އާއެކު އެ އެވޯޑް ދިނުމުގައި ބޭންކުން ބައިވެރިވާ ދެވަނަ އަހަރުކަން ފާހަގަކޮށްލެވެ އެވެ.