ވޮޝިންޓަން (ޖަނަވަރީ 10) : ދެ ކޮރެޔާގެ ދެމެދުގައި ބޭއްވި ވާހަކަތަކަށް ވަރަށް ފިނިގޮތަކަށް އެމެރިކާ މަރްހަބާ ކިޔައިފި އެވެ.

މިވާހަކަތަކާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހީދާ ނައުއާޓް ވިދާޅުވީ ދެކޮރެޔާގެ ވާހަކަތަކަށް އެމެރިކާ މަރްހަބާ ކިޔާކަމަށާއި ނަމަވެސް ދެކުނުކޮރެޔާގައި ބާއްވާ ފިނިމޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި އުތުރުކޮރެޔާގެ ވަފްދެއް ބައިވެރިވާއިރު އދ. އިން އުތުރުކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުނުވާނެ ގޮތެއްގެ މަތިން އެކަން ގެންދިޔުމާ ބެހޭ ގޮތުން ދެކުނުގެ މަސްއޫލުވެރިންނާ އެމެރިކާ ވާހަކަ ދައްކަމުން ގެންދާކަމުގަ އެވެ.

މިއާ ޚިލާފަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރަސްގެ ތަރްޖަމާން ސްޓެފަން ޑުޖަރިކް ވިދާޅުވީ ދެކޮރެޔާގެ ވާހަކަތަކަށް އދ. ހޫނު މަރްހަބާއެއް ކިޔާ ކަމަށާ ދެކޮރެޔާގެ ދެމެދުގައި އިތުރު ވާހަކަތައް ކުރިޔަށްގޮސް އެދެގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަވެގެން ދިޔުމަށް އދ. ން އެދޭކަމުގަ އެވެ. އަދި ދެކޮރެޔާ ދެމެދުގައި ގާއިމްކޮށްފައިވާ އަސްކަރީ ހޮޓް ލައިންގެ މަސައްކަތް އަލުން ފެށުމަށް ދެގައުމު އެއްބަސްވާނެ ކަމަށް ގުޓަރެސް އުންމީދުކުރައްވާ ކަމަށް ވެސް ޖުޑަރިކް ވިދަޅުވި އެވެ.

ދެ ކޮރެޔާގެ ދެމެދުގައި އަންގާރަ ދުވަހު ބޭއްވި ވާހަކަތަކުގައި އުތުރުކޮރެޔާ އިން ވަނީ ދެކުނުގައި ބާއްވާ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވުމަށް އެގައުމަށް ކުޅިވަރުގެ ވަފްދެއް ފޮނުވުމަށް ނިންމާފަ އެވެ. ދެކުނުން ވަނީ މިކަމަށް އެއްބަސްވެފަ އެވެ. އުތުރުކޮރެޔާގެ ވަފްދުގައި ކުޅުންތެރިންގެ އިތުރުން އެގައުމުގެ ކުޅިވަރާބެހޭ މަސްއޫލުވެރިންނާއި ނޫސްވެރިންނާއި ސަޕޯޓަރުން ވެސް ހިމެނުމަށް އުތުރުން ހުށަހެޅުމުން ދެކުނުން ވަނީ އެކަމަށް ވެސް އެއްބަސްވެފަ އެވެ.

މިއީ 2015 ވަނަ އަހަރަށް ފަހު ދެކޮރެޔާ ދެމެދުގައި ސީދާ ގޮތެއްގައި ކުރިޔަށްދިޔަ ވާހަކަތަކެވެ. ވާހަކަތައް ކުރިޔަށްދިޔައީ ދެކޮރެޔާގެ ދެމެދުގައި އޮންނަ ހަތިޔާރު ގެންގުޅުންމަނާ ސަރަހައްދުގެ އަވަށެއްކަމަށްވާ "ބަންމޫންޖޫމް" ގަ އެވެ. މިވާހަކަތަކުގައި ބައިވެރިވި ދެކުނު ކޮރެޔާގެ ވަފްދުގެ އިސްބޭފުޅަކީ ދެކޮރެޔާ އެއްބައިވަންތަކަމާ ބެހޭ ދެކުނު ކޮރެޔާގެ ވުޒާރާގެ ވަޒީރު ޝޫ މިޔުންގް ގިޔުން އެވެ. އުތުރު ކޮރެޔާގެ ވަފްދުގެ ވެރިއަކީ ދެކޮރެޔާގެ ސުލްހައާބެހޭ އުތުރުކޮރެޔާގެ ކޮމިޓީގެ ވެރިޔާ ރެއި ސުން ޖުން އެވެ.

ދެކޮރެޔާގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް މަގުފަހިވެގެން ދިޔައީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބުގައި، އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން، ދެއްވި ޚިތާބުގައި ދެކޮރެޔާގެ ދެމެދުގައި ސުލްޙަ ގާއިމް ކުރުމާ ބެހޭ ގޮތުންނާ އަދި އޮލިމްޕިކްސް ގައިބައިވެރިކުރުމަށް ކުޅިވަރުގެ ދެކުނަށް ވަފްދެއް ފޮނުވުމާބެހޭ ގޮތުން ދެކުނާ މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވުމުން ދެކުނުން އެކަމަށް މަރްހަބާ ކިޔުމުންނެވެ. ދެކުނު ކޮރެޔާގެ ސަރުކާރުން ބުނީ އެގައުމުގައި ބާއްވާ ފިނިމޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި އުތުރުކޮރެޔާ ބައިވެރިވުމަކީ ދެގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގަ އެވެ.

ދެކޮރެޔާއަކީ ކުރިން އެއްގައުމެކެވެ. ދެކޮރެޔާގެ ދެމެދުގައިވާ ހަތުރުވެރިކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުން ދުރުވެފައިވީ ނަމަވެސް ދެކޮރެޔާގެ ދެމެދުގައި ސުލްޙަ ގާއިމް ކުރެވޭނެ ދުވަހަކަށް އެދެގައުމުގެ ރައްޔިތުން އަބަދު ވެސް އިންތިޒާރުކުރަމުން ގެންދެ އެވެ. ކޮރެޔާ ބައިބައިވެ ދެކުނު ކޮރެޔާއާއި އުތުރު ކޮރެޔާ އުފެދިގެން ދިޔައީ ދެވަނަ ބޮޑުހަނގުރާމަ ނިމުމާ އެކު 1947 ވަނަ އަހަރުގަ އެވެ.

އެއަށް ފަހު ދުނިޔެ ކުރިމަތިލާންޖެހުނު އެމެރިކާއާއި ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން)ގެ ފިނިހަނގުރާމައާއި ބޮޑުދެބާރުގެ އަސްކަރީ އައި ފިކްރީ ކޯޅުންތަކާ އެކު 1950 ވަނަ އަހަރު ދެކޮރެޔާގެ ދެމެދުގައި ހަނގުރާމައުފެދި 1953 އާ ހަމައަށް އެހަނގުރާމަ ދިގުދެމިގެން ދިޔަ އެވެ. އެހަނގުރާމައިގާ ދެކުނު ކޮރެޔާގެ ފަހަތުގައި އޮތީ އެމެރިކާއެވެ. އުތުރުކޮރެޔާގެ ފަހަތުގައި އޮތީ ކުރީގެ ސޮވިއެޓް ޔުނިޔަންއާއި ޗައިނާ އެވެ.

ދެކޮރެޔާގެ ދެމެދުގައި އިތުބާރު ގެއްލި ހަނގުރާމައިގެ ހާލަތަށް ދިޔައީ ދެކުނު ކޮރެޔާގައި އެމެރިކާގެ އަސްކަރީ ބޭހެއް ގާއިމްކޮށް އެމެރިކާގެ ސިފައިން ދާއިމީ ގޮތަކަށް ތިބުމާ އެކު އެމެރިކާ ސިފައިންނާ ގުޅިގެން ދެކުނު ކޮރެޔާގެ ސިފައިން ކޮންމެ އަހަރަކު ވެސް ހަދަމުންގެންދާ އަސްކަރީ ތަމްރީންތަކާ ގުޅިގެންނެވެ. މިއީ އުތުރު ކޮރެޔާގެ ވެރިކަމުގެ ނިޒާމު ވައްޓާލުމުގެ ރޭވުމުގެ ދަށުން ހިންގާ ތަމްރީންތަކެއް ކަމަށް އުތުރުން ދެކެ އެވެ. މިއާ އެކު އުތުރު ކޮރެޔާ ތަރައްގީކުރާ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދެކުނު ކޮރެޔާގެ އަމަނާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެކުނުން ދެކެ އެވެ. އެމެރިކާ ގެންދަނީ ދެކޮރެޔާގެ ދެމެދުގައިވާ ހަތުރުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދެކުނު ކޮރެޔާއަށް ހަތިޔާރު ވިއްކައިގެން ބޮޑު ފައިދާއެއް ހޯދަމުންނެވެ.

ދެކޮރެޔާގެ ދެމެދުގައި ސުލްހަ ގާއިމް ވުމަކީ ހަގީގަތުގައި އެމެރިކާ އެދޭ ކަމެއްނޫނެވެ. އެއީ ދެކޮރެޔާ އެއްކޮށްލުމަކީ ދެކޮރެޔާ ޖައްސައިގެން ފިތްނަ ކުރުވައިގެން އަސްކަރީ ގޮތުން އެސަރަހައްދަށް ވަދެ ދެކުނު ކޮރެޔާއަށާއި ޖަޕާނަށް އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ކޮންމެ އަހަރަކު ވިއްކައިގެން ބޮޑު ނަފާއެއް ހޯދުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިގެން ދާނެތީ އެވެ. އެމެރިކާގެ އުފެއްދުންތެރިކަމާއި ސިނާއަތުގެ ބޮޑުބަޔަކީ ހަތިޔާރު ކަމަށްވާއިރު ގައުމުތަކުގެ މެދުގައި ހަނގުރާމައިގެ ހުޅުރޯކޮށްގެން ނޫނީ އެމެރިކާއަށް ހަތިޔާރު ވިއްކޭކަށް ނޯވެ އެވެ.

އެމެރިކާއަށް ބޭނުންވާ އާމްދަނީ ހަތިޔާރު ވިއްކައިގެން ހޯދުމަށް ޓަކައި އެހެން ގައުމުތަކުގެ މެދުގައި ފިތްނަ އުފައްދައި ހަނގުރާމައިގެ ހުޅު ރޯކުރުމަކީ އެމެރިކާގެ ސިޔާސަތުގައި ސިއްރިޔާތުގައި ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ. ދެކޮރެޔާގެ ދެމެދުގައިވާ ނުތަނަވަސްކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)