އިނގިރޭސިވިލާތުގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ ހަމަނުޖެހުމާއި މަދަނީ ގަޑުބަޑު ތަކުން އިނގިރޭސި މުޖްތަމަޢަށްވަނީ ބޮޑު ސިހުމެއް ލިބިފައެވެ.މި ސިހުމާއެކު ހަމަނުޖެހުންތަކުގެފަހަތުގައިވާނެކަމަށް ބެލެވޭ ސަބަބުތަކާމެދު އިނިރޭސި މުޖްތަމަޢުގައި އެކިފެންވަރުގައި ބަޙްޘުތަކާއި ތަޙްލީލުތައް ކުރެވެމުން ދެއެވެ.

ބަޙްޘުތަކާއި ތަޙްލީލުތައް ކުރާ ފަރާތްތަކަކުން އެއްބަސްވާ އެއްކަމަކީ ހަމަނުޖެހުންތައް އުފެދެން މެދުވެރިވި ޙަޤީޤީ ސަބަބުތަކަކީ ކޮބައި ކަމާއި އެސަބަބުތައް ދެނެގަތުން އުނދަނގޫ ކަމެވެ. އިނގިރޭސިވިލާތުގައި ނުކުންނަ މަޝްހޫރު ނޫސްތަކުގެ އެޑިޓޯރިޔަލް ތަކަށް ބަލާއިރުހަމަނުޖެހުންތަކުގެސަބަބުތައް އެކިނޫހުގައި ލިޔެފައިވަނީ އެކިގޮތަށެވެ. ކޮންމެ ނޫހަކުންވެސް ސަބަބުތައް ތަހްލީލްކޮށްފައިވަނީ އެނޫހެއްގެ ފިކްރީ ނުވަތަ އައިޑިޔޮލޮޖިކަލް ވިސްނުމާއި އެއްގޮތަށެވެ.

ސެންޓަރ ރައިޓް ނުވަތަ ކަނާތުފިޔައިގެ މެދުމިނުގެ ފިކުރެއް ގެންގުޅޭ ޑެއިލީ ޓެލެގްރާފް ގައިވާގޮތުން ހަމަނުޖެހުންތައް އުފެދެން މެދުވެރިވީ ފުލުހުންގެ ފިނޑިކަމާއި ބަލިކަށިކަމުންނެވެ. އަދި ކުށްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ނޭޅުމާއި ހެޔޮގޮތުގައި ދަރިން ތަރްބިއްޔަތު ކުރުމުގައި މައިންބަފައިން ނާކާމިޔާބުވުމާއި މަލްޓިކަލްޗަރަލިޒަމް ފޭލްވުމާއި ސޯޝަލްވެލްފެއަރއިންލިބިދޭ ފަސޭހަތަކުގައި އުޅުމުގެ ޘަޤާފަތެއް އިނގިރޭސި މުޖްތަމަޢުގައި އަށަގެންފައިވުން އެއީ ހަމަނުޖެހުންތަކުގެ ސަބަބުތައް ކަމަށް ޑެއިލީ ޓެލެގްރާފް ގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ގާޑިޔަން ނޫހުގެ ވިސްނުން މިއާ ތަފާތެވެ. ސެންޓަރ ލެފްޓް ނުވަތަ ވާތުފިޔައިގެ މެދުމިނުގެ ފިކުރެއްގެންގުޅޭ ގާޑިޔަން ނޫސް ބުނާގޮތުން ހަމަނުޖެހުން ތަކަށް މަގުފަހިވީ އިނގިރޭސި ފުލުހުންގެ ހަރުކަށިކަމާއި އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. މީގެއިތުރުން ސޯޝަލްވެލްފެއަރއިން އާންމު ރައްޔިތުންނަށް ލިބިދޭއެހީތައް މާބޮޑަށް ހަނިވެގެން ދިޔުމާއި މުއްސަނދީން އިތުރަށް މުއްސަނދިވެ ފަގީރުންއިތުރަށް ފަގީރުވެ މުއްސަނދިންނާއި ފަގީރުންގެ ތަފާތު އާދަޔާ ޚިލާފަށް ބޮޑުވެ ދިޔުމަކީވެސް ހަމަނުޖެހުންތަކުގެ ސަބަބެއް ކަމަށް ބުނެފައިވެއެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމެއްގެ ސްޓޭންޑަޑަށްވުރެ އިނގިރޭސި މުޖްތަމަޢުގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތު މާބޮޑުކަމަށްގާޑިޔަން ނޫސް ބުނެއެވެ.

މީގެއިތުރުން އެހެން ޤައުމުތަކުން ހިޖްރަކުރުމަށްފަހު އިނގިރޭސި ރައްޔިތުންނަށްވެގެން އުޅޭ މައިނޯރިޓީ ދަރިކޮޅު ތަކުގެ މީހުންދެކެ ނަފްރަތު ވުމުގެ ފޮރުވިފައިވާ ޘަޤާފަތެއްއޮތުމާއި އެމީހުން ނިކަމެތިކުރުމުގެ ސަބަބުން އިނިރޭސި މުޖްތަމަޢުގައި އެފަދަ ފަރާތްތައް އެކަހެރިވެ އެއްފަރާތް ވެފައިވުމަކީވެސް ހަމަނުޖެހުންތަކަށް މަގުފަހިވެގެން ދިޔަ މައިގަނޑު ސަބަބެއް ކަމަށް ގާޑިޔަން ނޫހުގައި ސިފަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގައިމިދިޔަ ހަފްތާގައި ހަމަނުޖެހުންތައް ހިންގި ޒުވާނުން ކަންބޮޑުވީ ކޮންކަމެއްކަން އެމީހުން ފާޅުގައި ހާމައެއް ނުކުރެއެވެ. އެމީހުން ދެކޮޅު ހަދަނީ ސަރުކާރުގެ ކޮން ސިޔާސަތަކާ ދެކޮޅަށްކަން ހާމަކުރާ ފޮތިތަކާއި ޝިޢާރުތައް އުފުލާފައެއް ނުވެއެވެ. އަދި އެމީހުން ބޭނުންވާ ކަންތައްތަކެއް ބުނާކަށް ނުނީ ހާމަކުރާކަށް ބޭނުމެއް ވެސް ނުވެއެވެ. ނަމަވެސް ނުރުހޭ ކަންތައްތަކެއް ހުރެގެން ނާއި އިންސާފު ނުލިބޭ ކަންތައްތަކެއް ހުރެގެން ރުޅިގަނޑެއް ބާލާލިކަން ވަރަށް ރަނގަނޅަށް އެނގެއެވެ. ރުޅިގަދަވެފައިވާ ކަމާއި ބަދަލު ހިފަން ބޭނުންވެފައިވާކަން އެނގުނެވެ. އިންސާފު ނެތުމުގެ އިޙްސާސް ކުރާކަން އެނގުނެވެ. މިއާއެކު ހަމަނުޖެހުންތައް އުފެއްދި މީހުން އުޅުނީ އެމީހުންގެ މޫނުތައް ކެމެރާތަކަށާއި ނޫސްވެރިންނަށް ފޮރުވައިގެންނެވެ.

އިނގިރޭސި މުޖްތަމަޢުގައި ހައްލުނުވެ ޒަމާންވެފައިވާ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. މީގެތެރޭގައި އެހެން ޤައުމުތަކުގެ ތަފާތު ނަސްލުތަކުގެ މީހުން ހިޖްރަކުރުމުން (މަލްޓި ކަލްޗަރަލިޒަމްގެ ސަބަބުން) ކުރިމަތިވާ މައްސަލަތަކާއި އިޤްތިސާދު ބަލިކަށިވަމުންދާތީ ދިމާވާ މައްސަލަތައް ހިމެނެއެވެ. އަދި އިނގިރޭސިވިލާތުގައި މަދްރަސީ ތަޢްލީމް ފޭލްވަމުން ދިޔުމާއެކު ސްކޫލްތައް ނިންމާ ޓީންއޭޖް ކުދިންނަށް އެމީހުންގެ އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ ދާއިރާގައި "ލިޔަންކިޔަން" ނޭންގޭ (ސްކޫލްނިޒާމް ފުރިހަމަކުރާ ކުދިންދިރިއުޅުމަށާއި ވަޒީފާގެ ދާއިރާތަކަށްއަހުލުވެރި ނުވާ) މައްސަލަ އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި އިނގިރޭސި ގިނަ މުޙައްލިލުން ފާހަގަ ކުރައްވައެވެ.

އަނެއްކޮޅުން ޒަމާނުއްސުރެ އިނގިރޭސި މުޖްތަމަޢުގައި އަށަގެންފައިވާ އަޚްލާޤީ ރަނގަޅު ބައެއް ސިފަތައް މިފަހަކަށް އައިސްވަނީ ގެއްލިގެން ގޮސްފައެވެ. އަދި މަދްރަސީ ނިޒާމުންނާއި އިޖްތިމާޢީ ބައެއް މުއައްސަސާތަކާއި ބީ.ބީ.ސީ ފަދަ ޓްރެޑިޝަނަލް މުއައްސަސާތަކުން ޒަމާނުއްސުރެ ފަތުރަމުން ގެންދިޔަ ކުރީގެ ވެލިޔުތައް (މުޖްތަމަޢުގެ އަގުތައް) ފެތުރުމުގައި އެމުއައްސަސާތައް މިހާރު ފޭލްވެފައިވާ ކަމަށްވެސް އިނގިރޭސިވިލާތުގެ ގިނަބަޔަކު މިހާރު ދެކެއެވެ.

މިއާއެކު އިންޓަރނެޓާއި މޯބައިލް ފޯނުގެ ޓެކްނޮލޮޖީގެ ޒަމާނުގައި މިތަކެއްޗަކީ އެންމެ ނިކަމެތިންނަށްވެސް ބޭނުންކުރަން ލިބޭ ވަސީލަތްތައް ކަމަށް ވެފައިވާއިރު އިޖްތިމާޢީ ޢަދާލަތު ގެއްލުގެން ދިޔުމަކީ މިފަދަ ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. މިދިޔަ ހަފްތާ ގައި ލަންޑަންގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުން ހަނދާނަށް އަންނަނީ 1666 ވަނަ އަހަރު ހިނގި ލަންޑަން ގެ ބޮޑު ހުޅުގެ ޙާދިޘާ އާއި ދެވަނަ ބޮޑު ހަނގުރާމައިގާ ޖަރުމަނުގެ ނާޒީ ލަންޑަނަށް ދިން ވައިގެ ޙަމަލާތަކުން ކުރިމަތިވި އަލިފާނުގެ ޙާދިޘާ ތައް ކަމަށްވެސް އިނގިރޭސި ބައެއް ނޫސްތައް ބުނެފައިވެއެވެ.