އަވައްޓެރި އިންޑިއާގެ ފުޓްބޯޅަ ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް އިންޑިއަން ސުޕަލީގުގައި ވާދަކުރާ ނޯތު އީސްޓް ޔުނައިޓެޑް އެފްސީގެ ޓެކްނިކަލް ލަފާދޭ މީހާގެ މަގާމަށް ދާދިފަހުން ހަމަޖެއްސި އަވްރަމް ގްރާންޓް ބުނެފިއެވެ.

އަވްރަމް ގްރާންޓަކީ ކުރިން ޔޫރަޕުގެ މަޝްހޫރު ކްލަބު ޗެލްސީގެ އިތުރުން ޕޯޓްސްމައުތާއި ވެސްޓްހާމްގެ ކޯޗުކަންވެސް ކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ ގާނާއާއި އިޒްރޭލްގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ތެރެއަށް އަންނަން ބޭނުންވި ސަބަބެއް ކަމަށް ގްރާންޓް ބުނީ މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާ ހޯދުމަށް އޭނާ ހުންނަ ޝައުގުން ކަމަށެވެ.

"އިންޑިއާގެ ފުޓްބޯޅައަށް އާނއެކޭ ބުނުމަކީ ވަރަށް ފަސޭހަ ނިންމުމެއް. އަހަރެން ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅައިގެ ތަޖުރިބާ ހޯދަން. އަހަރެން މަސައްކަތް ކޮށްފިން ތައިލެންޑާއި ސާބިއާގެ އިތުރުން އެފްރިކާގަވެސް. ކުރިން ވާނީ ޔޫރަޕުގެ ތަޖުރިބާވެސް ހޯދާފަ،" ގްރާންޓް ބުންޏެވެ.

ގްރާންޓް ބުނީ އިންޑިއާ ލީގުގައި އޭނާ ހޭދަކުރާނީ މަދު ދުވަސްކޮޅެއް ކަމަށާއި، އޭނާގެ ބޭނުމަކީ އޭނާގެ ތަޖުރިބާ އިންޑިއާގެ ފުޓްބޯޅައަށް ހިއްސާ ކުރުން ކަމަށެވެ.

"އިންޑިއާގެ ފުޓްބޯޅައިގައި ބަލިވަމުން އަންނަ ނަމަ އެޓީމަކަށް ޕްރެޝަރު ބޮޑު. އޭގެ ސަބަބުން ކުޅުންތެރިން މެންޓާލިޓީ ރަނގަޅުވާނެ،" ގްރާންޓް ބުންޏެވެ.

އެވްރަމް ގްރާންޓް ބުނީ ފުޓުބޯޅައިގައި ހުރިހާވެސް އެއްޗަކީ މެންޓަލީ ތައްޔާރުވުން ކަމަށާއި، އިންޑިއާ ފުޓްބޯޅައިން އެކަންތައް ރަނގަޅުވަމުންދާ ކަމަށެވެ. އަދި ގްރާންޓްގެ ތަޖުރިބާއަށް ބަލައި، ޕްރެޝަރަކީ ފުޓުބޯޅައިގެ ފޯރި ކަމަށް ބުނެވިދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ފުޓްބޯޅައަކީ ޕްރެޝަރު. ތާވަލުގެ އެއްވަނައިގައި އޮތަސް އެންމެ ފުލުގައި އޮތަސް ޕްރެޝަރު އަންނަ ޖެހޭނެ. އެކަންތައް ލީގުގައި އަންނަ ކަމަށްވާ ނަމަ ފުޓްބޯޅަ ފޯރި ގަދާވާނެ،" ގްރާންޓް ބުންޏެވެ.

ގްރާންޓް ބުނީ އިންޑިއާގެ ކުޅުންތެރިންގެ ފަރާތުން ދަސްކުރަން ބޭނުންވާ މަންޒަރު ފެންނަ ކަމަށާއި، އެއީ ކުރިއެރުމަށް އެޅޭނެ ހެޔޮ ފާލެއް ކަމަށެވެ.

އިންޑިއަން ސުޕަލީގު 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ އިރު، އެ ލީގުން ޔޫރަޕުގެ "ވެޓްރަންސް" ގިނަ ކުޅުންތެރިންތަކެއް ފެންނަމުންދެއެވެ.

އަވްރަމް ގްރާންޓް ވަނީ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ގެންގޮސްދީފައެވެ. އެ ފައިނަލްގައި ޗެލްސީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވީ ޕެނެލްޓީ ޖަހައިގެންނެވެ. އެވްރަމް ގްރާންޓް އެންމެފަހުން އިރުޝާދުދިނީ ގާނާ ފުޓްބޯޅަ ޓީމަށެވެ.