10 Jan 2018, 08:56
ވޭތުވެދިޔަ ތިން ސީޒަންގައިވެސް ކްލަބް އީގަލްސްގެ ކެޕްޓަން ބޭންޑު އެޅި އިމްރާން ނަޝީދު (އިންމަ) ޓީމު ދޫކޮށްލީ ރަނގަޅު ހުށަހެޅުމެއް ލިބުމުން ކަމަށާއި، އޭނާ ނެތްތަންވެސް އީގަލްސްއަށް ފޫބެއްދޭނެ ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވެއްޖެއެވެ.
"ސަން ސުޕޯޓްސް"އާ ވާހަކަ ދައްކަމުން މުފާ ވިދާޅުވީ އިންމައަށް އީގަލްސްގެ ފަރާތުން މަރުހަބާ ކިޔާ ކަމަށާއި، އީގަލްސްއިން އަދި ކިތަންމެ އިންމައެއް ފެނިގެންދާނެ ކަމަށެވެ.
"އިންމައަށް ރަނގަޅު އޮފާއެއް ލިބުމުން ދިޔައީ. އޭނާއަށް މަރުހަބާ ކިޔަން ވަރަށް ބޮޑަށް އީގަލްސްގެ ފަރާތުން. އެއީ މައްސަލައެއް ނޫން. އީގަލްސްއިން އަދި އެތައް އިންމައެއް އުފައްދާނެ. އިންމަވެސް އުފެދިގެން އައީ އީގަލްސްއިން، އެހެންވީމަ އޭނަ ނެތްތަންވެސް ފޫބެއްދޭނެ،" މުފާ ވިދާޅުވިއެވެ.
މިދިޔަ ސީޒަނުގެ މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
މުފާ ވިދާޅުވީ ޓީމުންދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި، މިމަހުގެ 18 ވަނަ ދުވަހު ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އަދި އަންނަ ސީޒަންގައި އީގަލްސްއާ ހަވާލުވާނެ ކޯޗު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި، ޓީމުގައި ތިބި ލޯކަލް ކުޅުންތެރިން ކޮންޓްރެކްޓް އައުކޮށްފި ކަމަށްވެސް މުފާ ވިދާޅުވިއެވެ.
"ޓީމު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން. މުޖޭ އާއި އިންމަ ނޫން ކުޅުންތެރިން ކޮންޓްރެކްޓް އާކޮށްފި. ދެން ކޯޗުވެސް ވަރަށް އަވަހަށް އިއުލާން ކުރާނަން. ފަރިތަކުރުންތައް ފަށާނެ 18 ހިސާބުގައި،" އޭނާ ވިދާޅުވިއެވެ.
މުފާ ވިދާޅުވީ މި ސީޒަންގައިވެސް އެޓީމުގެ ގޯލުން ފެނިގެންދާނީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ކަމަށާއި، އޭނާއާއެކު ޓީމަށް ބިދޭސީ އިތުރު ތިން ކުޅުންތެރިއަކު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބިދޭސީ ހަތަރު ކުޅުންތެރިން މިފަހަރުވެސް އީގަލްސްގެ ޓީމުން ފެންނާނެ. ކީޕަރަށް ސުޖަން ހަމަ ގެންނާނީ. ދެން މިޑްފީލްޑަރަކާ ޑިފެންޑަރެއް މިހާރު އިނީ ހަމަޖެހިފަ. ފޯވާޑެއް ހޯދަމުން މިދަނީ،" މުފާ ވިދާޅުވިއެވެ.
އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޓީމުގެ ކީޕަރާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް ތައްޓާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
އީގަލްސް އަބަދުވެސް ފާހަގަ ކޮށްލެވެނީ ޒުވާން ކުޅުންތެރިންތަކެއް އުފައްދާ ޓީމެއްގެ ގޮތުގައެވެ. އެގޮތުން މި ސީޒަންގައިވެސް ޒުވާން ނުވަ ކުޅުންތެރިންވަރު ލީގުން ފެނިގެންދާނެ ކަމަށް މުފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރު މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ގެއްލުނު ނަމަވެސް މި ސީޒަންގައި އީގަލްސްއިން ތައްޓެއް ހޯދާނެ ކަމުގެ ވަރަށް ބޮޑަށް އުންމީދެއް އެބައޮތް ކަމަށެވެ.
"މާލޭ ލީގުގެ އެއްވަނައަށް ނޫނީ ދެވަނައަށް މިފަހަރު ޓާގެޓް ކުރާނީ، ތައްޓެއް ހޯދާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް މި ސީޒަންގައި،" އީގަލްސްއަށް ތައްޓަކާ ދޭތެރޭ ކުރެވޭ އުންމީދު މުފާ ހިއްސާކުރިއެވެ.
އީގަލްސްއަކީ 2016 ވަނަ އަހަރު ޕެރެސިޑެންޓްސް ކަޕުގެ ޗެމްޕިއަން ޓީމެވެ. ވޭތުވެދިޔަ ސީޒަންގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލި އީގަލްސްއަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ގެއްލިފައެވެ.