ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ބަޔަކު ހަމަލާދޭން މަސައްކަތް ކުރާ ކަމަށް ބުނެ އެމްއެންޑީއެފުންދޭ ސެކިއުރިޓީ ވަރުގަދަ ކުރުމުން އިދިކޮޅު ކޯލިޝަނުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސެކިއުރިޓީ ވަރުގަދަ ކުރާ ކަމަށް ބުނެ އެމްއެންޑީއެފުން ކުރީ އިއްޔެ ވަނީ ރައީސް މައުމޫނަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި ރައީސް މައުމޫނު ދިރިއުޅުއްވާގެ މ. އެންދެރިމާގޭގައި 24 ގަޑިއިރު ސެކިއުރިޓީ ބަލައްހައްޓަން ވަނީ ފަށައިފަ އެވެ. ގޭގައި ދިރިނޫޅޭ މީހަކު އެގެއަށް ވަންނަ ނަމަ ނަންނޯޓް ކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ޓުވީޓެއް ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި އެމްއެންޑީއެފުން ސެކިއުރިޓީ ބެލެހެއްޓުމާއި އެގެއަށް ވަންނަ ކޮންމެ މީހަކު ނަންނޯޓްކުރާ ގޮތަށް ނިންމުމަކީ ޚުދުމުހުތާރު އަމަލެއް ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ތުހުމަތު ކުރައްވަނީ ރައީސް މައުމޫނު ގޭ ބަންދު ކުރެއްވީ ކަމަށެވެ. މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނު ޖަލަށްލާން ޖެހިލުންވެ ވަޑައިގަންނަވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ގޭބަންދު ކުރީ އެވެ.

ނަމަވެސް ރައީސް މައުމޫނު ގެކޮޅުން ވަދެ ނުކުތުމަށް އެމްއެންޑީއެފް މަނައެއް ނުކުރެ އެވެ.

އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ އާންމު މެމްބަރުން ތުހުމަތު ކުރަނީ ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓައި ގެއަށް ވަންނަ މީހުންގެ ނަންނޯޓް ކުރަން އެމްއެންޑީއެފުން ފެށީ އެމަނިކުފާނަށް ސިޔާސީ ހަރާތްތަކުގައި ބައިވެރި ނުވެވޭނެ ގޮތް ހެދުމަށެވެ.

އިދިކޮޅު މީހުންގެ ޝަކުވާތައް މީސް މީޑިއާގައި ގިނަވުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ސެކިއުރިޓީ ވަރުގަދަ ކުރީ ކޮން ގާނޫނަކާ ހަވާލާދީކަން ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރައީސް މައުމޫނުގެ ސެކިއުރިޓީ ވަރުގަދަ ކުރީ ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ދޭން ވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަރުގަދަ ކޮށްފައިވާ އިރު އެމަނިކުފާނުގެ ސެކިއުރިޓީ މިދިޔަ މާޗު މަހު ދަށް ވެސް ކުރި އެވެ. އެގޮތުން ރާއްޖޭން ބޭރަށް ރައީސް މައުމޫނު ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީ ނުދޭން އެމްއެންއެންޑީއެފުން އޭރު ނިންމި އެވެ.