މައްސަލައެއްގެ ތުހުމަތުގައި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހައްޔަރު ކުރި މީހަކު ދޫކޮށްލުމަށް ގޮވާލައި ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި ފުލުހުންނާއި ތަކެއްޗަށް ގެއްލުންދީ ހެދި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީ ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގި ކަމަށާއި އަދި އެ މީހުން ފުލުހުން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިނގާފައި ވަނީ ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރިއިރު ފުލުހުން އޭނާ އަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި 12 ވަރަކަށް މީހުން ހިމެނޭ ގުރޫޕަކުން ޕޮލިސް ސްޓޭޝަން ތެރެއަށް ވަތް އިރު އެ ސްޓޭޝަން ތެރޭގައި އެވަގުތު ޑިއުޓީ އަށް ތިބީ ތިން ފުލުހެކެވެ.

އަދި ޕޮލިސް ސްޓޭޝަން ތެރެއަށް ވަތް މީހުން އެވަގުތު ޑިއުޓީއަށް ތިބި ފުލުހުންނަށް ހަމަލާދީ ފުލުހުންގެ އިމާރާތަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށް އެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލަ އާ ގުޅިގެން ހަތް މީހަކު ހައްޔަރު ކޮށްގެން ތިނަދު އަށް ގެންދިޔަ ވަގުތު ބަނދަރު މަތީގައި ހައިޖާނު ހިންގި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ދާންދު އަށް ގެންދިޔަ ވަގުތު ލޯންޗު ތެރޭ ހަމަނުޖެހުން ހިންގައި ފަސް ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދާންދޫން 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދީފައި ވަނީ ހަ މީހަކަށެވެ. އެތަނުން އެކަކު ބަންދުގައި ބަހައްޓާނެ ތަނެއް ނެތުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.