ވެރިކަން ނުލިބޭ ފޮމިއުލާއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލު ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރިޔާޒު ވިދާޅުވީ އެމްޑީޕީން އިއްތިހާދު ހެދިޔަސް ކޯލިޝަން ހެދިޔަސް އަދި އެމްޔޫއޯ ހެދިޔަސް ވެރިކަން ނުލިބޭ ފޮމިއުލާއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ފޮޓޯފުޅަކާ އެކު ރިޔާޒު އެހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަނީ އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ބުނެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިކުރެވޭނެ ކެންޑިޑޭޓަކަށް އެމްޑީޕީގައި ހުރީ ހަމައެކަނި ރައީސް ނަޝީދު ކަމަށެވެ.

"މިވަގުތު ސިޔާސީ ހަގީގަތަކީ ރައީސް ނަޝީދަށް ވުރެ މަގުބޫލު ކެނޑިޑޭޓަކު އެމްޑީޕީ ތެރެއަކު ނެތް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު ނޫން ބޭފުޅަކު އިންތިހާބަށް ނެރުމުގެ ވިސްނުމެއް އެމްޑީޕީއަކު ނެތް ކަމަށާއި އާންމު މެމްބަރުންވެސް ބޭނުންވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރުން ކަމަށެވެ.