ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަކޮށް، އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމުގެ ލަފަޔަކަށް، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، އެ ގައުމުގެ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ސިރިސެނާ އެފަދަ ލަފައަކަށް އެދިވަޑައިގެންފައިވާ އިރު، ސްރީލަންކާގައި އެކަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ވިދިވިދިގެން ދެ ދައުރު ކަމަށް ކަނޑައަޅައި ރިޔާސީ ދައުރެއްގެ މުއްދަތު ހަ އަހަރުން، ފަސް އަހަރަށް ކުރު ކުރުމަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން 2015 ވަނަ އަހަރު ވަނީ ގާނޫނަށް އިސްލާހެއް ގެނެސްފަ އެވެ.

އެ އިސްލާހާ އެކު ސިރިސެނާގެ ވެރިކަމުގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރު އެވެ. ނަމަވެސް އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމަށް ސުޕްރީމް ކޯޓުން ހުއްދަ ދެއްވައިފި ނަމަ ސިރިސެނާއަށް ވެރިކަމުގައި 2021 ވަނަ އަހަރު ވަންދެން ހުރެވޭނެ އެވެ.

ސިރިސެނާ އެދިވަޑައިގެންނެވި އެ ލަފައަށް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބަހުސް ކުރާނެ އެވެ.

"ދެހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ގައުމުގެ ރައީސް ކަމުގެ މަގާމު އަދާކުރަމުން އަންނަ އަހަރެންގެ މި ދައުރުގައި ހަ އަހަރު ރައީސްކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ކަނޑައެޅުން އެދެން،" ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޕްރިޔަސަތް ޑެޕް އާ ކުރެއްވި މުއާމަލާތުގައި ސިރިސޭނާ ވިދާޅުވި އެވެ.

އެކަމާމެދު ގޮތެއް ނިންމައި އަންނަ އާދިއްތަ ދުވަހުގެ ކުރިން ވަކިގޮތެއް އަންގައިދިނުމަށް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ.