09 Jan 2018, 21:18
އާސެނަލްއިން އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް މެޗު ކުޅުނު ދުވަހުގެ ކުރީ ރޭ، ދަންވަންދެން އެޓީމުގެ އެލެކްސް އިވޯބީ ޕާޓީކުރިކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.
އާސެނަލްގެ ކޯޗު ވެންގާ މިހެން ބުނެފައިވަނީ އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި އާސެނަލްއާއި ނޮޓިމްހަމް ބައްދަލު ކުރި މެޗު ކުޅުނު ދުވަހުގެ ކުރީ ރޭ އެޓީމުގެ ޒުވާން ފޯވާޑް އިވޯބީ ޕާޓީ ކުރި މަންޒަރު ކަމަށް ބުނާ ވީޑިއޯ އަކާއި ފޮޓޯތަކެއް މީޑީއާގައި ދައުރުވުމާ ގުޅިގެންނެވެ. އެ މެޗުން 4-2 ގެ ނަތީޖާއަކުން ބަލިވެ، އާސެނަލްވަނީ އެފްއޭ ކަޕުން ކަަޓައިފައެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނެފައިވަނީ އާސެނަލް އެފްއޭ ކަޕުން ކެޓި މެޗު ކުޅުމުގެ ކުރީ ރޭ 2:30 ހާއިރު ގެއެއްގައި ކުރިއަށްދިޔަ ޕާޓީއެއްގެ ތެރެއިން އިވޯބީ ނަށާ މަންޒަރުގެ ވީޑިއޯއެއް ލީކް ވެފައިވާ ކަމަށެވެ.
ނޮޓިންހަމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ 90 މިނެޓުގައިވެސް އިވޯބީ ވަނީ ކުޅެފައެވެ. ވެންގާ ބުނެފައިވަނީ އެޓީމުގެ ކުޅުންތެރިންގެ ފަރާތުން އެފަދަ އަމަލުތަކަށް ޖާގަ ނުދޭނެ ކަމަށާއި، ސާބިތުވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށެވެ.
"އަހަރެން އިވޯބީއާ ބައްދަލުކޮށް ކަމުގެ ހަގީގަތް ހޯދާނަން. އެކަމަކީ ހަގީގަތެއް ކަމަށްވާނަ ފިޔަވަޅު އަޅާނަން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ އިވޯބީ މަޑުކުރީ ޕާޓީއެއްގައި ކަމަށްވާނަމަވެސް އޭނާއަށް މަޑުކުރަންޖެހޭ ވަކި ގަޑިއެއް އޮންނާނެ ކަމަށާއި، އިވޯބީގެ ރައްޓެހިން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އޭނާގެ އަމިއްލަ ކަންކަމުގައި އޭނާ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
"ރައްޓެހިން ޑުރަގް ނެގި ކަމުގައި ވިޔަސް، އިވޯބީއަށް އެނގެން ޖެހޭނެ އޭނާގެ ޒިންމާތައް. އޭނާއަކީ ކުޅުންތެރިއެއް، 100 ޕަސެންޓް ފޯކަސް ކުރަންޖެހޭނީ ފުޓުބޯޅައަށް،" ވެންގާ ބުންޏެވެ.
އާސެނަލްއިން ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މާދަމާ ރޭ ނުކުންނައިރު، ވެންގާ ބުނީ ލީގު ކަޕު ކާމިޔާބުކުރުމަކީ އާސެނަލްއަށް މުހިއްމު ކަމެއް ކަމަށެވެ.