އަލަށް އިމާރަތް ކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯ ރާއްޖޭގައި އަލަށް ގާއިމުކުރަން މަސައްކަތް ކުރަމުންދާ މެޑިކަލް ކޮލެޖަށް ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވީ މެޑިކަލް ކޮލެޖަށް ދެ ފްލޯދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށާއި އެކަން އެގޮތަށްވެގެން ދިޔުމަކީ މެޑިކަލް ކޮލެޖް ގާއިމު ކުރަން ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއް ކަަމަށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ 25 ބުރީގެ އިމާރަތުން މެޑިކަލް ކޮލެޖަށް ލިބޭ ދެބުރީގެ ތެެރެއިން އެއް ބުރީގައި ގާއިމު ކުރާނީ ލެބޯޓްރީއެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލު ނިމޭއިރު ޖާގަ ތަނަވަސް ތަނެއް މެޑިކަލް ކޮލެޖަށް ލިބިގެންދާނެ ކަމަށެވެ.

ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖޭގައި ގާއިމްކުރާ މެޑިކަލް ކޮލެޖުގެ މަސައްކަތް ނިންމައި މި އަހަރުގެ ކުރީކޮޅު އެ ކޮލެޖުން ޑޮކްޓަރުން ތަމްރީން ކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ގާއިމްކުރާ އެކޮލެޖުގެ މަސައްކަތް ފަށައިގަންނައިރު ފުރަތަމަ ތިން އަހަރު އެންމެ މަދުވެގެން 50 ދަރިވަރުންނަށް ޑޮކްޓަރުންކަން ކިޔެވުމަށް ފުރުސަތު ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވިގޮތުގައި، ގައުމީ ޔުނިވާސިޓީގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އެމްބީބީއެސް ޕްރޮގްރާމް ހިންގި ނަމަވެސް އެ ޕްރޮގްރާމް ވެގެންދާނީ ބޭރުގެ ޔުނިވާސިޓީތަކަށް ސްޕެޝަލައިޒްވާން ފުރުސަތު ލިބޭނެ ފެންވަރުގެ ކޯހަކަށެވެ.