ދިއްލީ (ޖެނުއަރީ 9): ޖެޓް އެއާވޭސްގެ ބޯޓެއްގެ ކޮކްޕިޓުގައި ހަމަނުޖެހުން ހިންގި ދެ ޕައިލެޓުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިމަހުގެ އެއްވަނަ ދުވަހު ލަންޑަނުން މުމްބާއީއަށް ދިޔަ އެބޯޓުގެ ފަސިންޖަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހަމަނުޖެހުން ހިނގީ ބޯޓުގައި އިން ފިރިހެން ޕައިލެޓު އަންހެން ޕައިލެޓުގެ ގައިގައި ޖެހުމުންނެވެ.

އޭގެ ސަބަބުން އަންހެން ޕައިލެޓު ވަނީ ކޮކްޕިޓުން ބޭރަށް ގޮސްފައި ކަމަށާއި، އޭނާ އެނބުރި ދިޔައީ އިރުކޮޅަކަށް ފަހު ކަމަށް ނޫސްތަކުގައިވެ އެވެ.

އަދި އެ ހާދިސާ ތަހުގީގު ކުރި ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނި ގޮތުގައި ފިރިހެން ޕައިލެޓު ވެސް ވަނީ ސަލާމަތީ ގަވާއިދުތަކާ ހިލާފަށް ކޮކްޕިޓު ދޫކޮށް ދެ ފަހަރަކު ގޮސްފަ އެވެ. އެހެންކަމުން އެ ދެ ޕައިލެޓުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ޖެޓް އެއާވޭސްއިން ނެރުނު ބަޔާނެއްގައިވެ އެވެ. (ބީބީސީ)