09 Jan 2018, 16:20
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޚާއްސަ މަންދޫބެއްގެގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މާދަމާ އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މާދަމާ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އާ ބައްދަލުކުރައްވައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެއެވެ. އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަރިހުގައި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އާއިޝަތު އަޒީމާ ބައިވެރިވެލައްވާނެއެވެ.
ފޮރިން މިނިސްޓަރު އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްތަކުން، ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދާ ސުވާލުތަކެއް ކުރިމަތިކުރުވާފައިވާ ދުވަސްވަރެއްގައެވެ. މި ދުވަސްވަރަކީ ޗައިނާ އާ ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާގުޅިގެން އިންޑިއާގެ މީޑިއާގައިވެސް ތަފާތު ވާހަކަތައް ދެކެވެމުން އަންނަ ދުވަސްވަރެކެވެ.