އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކުގެ ޒާތީ ތައައްސަބުގެ ސަބަބުން އެމްޑީޕީއާ ގުޅެންތިބި ރައްޔުންގެ މަޖިލިސް މެންބަރުން ވެސް ގެއްލިގެންދާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު )ކާނަލް( ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ކާނަލް ވިދާޅުވީ މަޖިލިސް މެންބަރުން އެމްޑީޕީ އަށް ގެނައުމަށް އޮތް ހުރަހަކީ މޫސަ ކަމަށެވެ. އަދި އޭނާގެ ޒާތީ ތައައްސަބުގެ ސަބަބުން ޕާޓީއަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށް ކާނަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލިސް މެންބަރަކާ އެތައް ދުވަހެއް ވަންދެން ވާހަކަ ދައްކަމުން، ނެގޯޝީއޭޓްކޮށް، އެމްޑީޕީ އަށް ވަނުމަށް ދައުވަތު ދީގެން ފޯމުގައި ސޮއިކުރާހާ ހިސާބަށް ގޮސްފައި އޮއްވައި މޫސާ މަނިކުގެ ޒާތީ ތައްސަބާ ހުރެ އެފުރުސަތު ގެއްލިދާނެ،" ކާނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ވެރިންނާއި ހުރިހާ މީޑިއާތަކެއް އެމްޑީޕީގެ ދުޝްމަނުންނަށް ހަދަނީ ރީކޯ މޫސަގެ ތައުލީމެއް ނެތި ހުރެ ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި ޕާޓީއަށް ލިބޭ ބަދުނާމުގެ 99 ޕަސެންޓަކީ ރީކޯ މޫސަގެ ސަބަބުން ލިބޭ ބަދުނާމު ކަމަށް ކާނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރީކޯ މޫސަގެ މުޑުދާރު އަމަލުތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ އޭނައާ ދެކޮޅަށް ފާޅުގައި ބަސް ބުނުން ކަމަށެވެ.

"އަޅުގަނޑުމެން މީނަ )މޫސަ( ތިރިކުރުމަށްޓާ ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރާނަން އިރާދަ ކުރެއްވިއްޔާ. އަނިޔާވެރި ޒާލިމަކާ ދެކޮޅަށް ފާޅުގައި ބަސް ބުނުމަށް ވުރެ ބޮޑު ޖިހާދެން ނޯންނާނެއެއް ނޫންތޯ،" ކާނަލް ވިދާޅުވި އެވެ.

ރީކޯ މޫސައާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ފާޑު ވިދާޅުވަމުން ގެންދަވަނީ ރައީސް ނަޝީދު އެންގެވި ގޮތާ ހިލާފަށް މަޖިލީހުގައި އިދިކޮޅު މެންބަރުންނާ ޒާތީވެ ވަޑައިގެން މޫސަ ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ޒުވާބު ކުރެއްވުމާ ގުޅިގެން އެ ޕާޓީގެއް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް މޫސައަށް އަމާޒު ކުރަމުންދެ އެވެ. އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އަމިއްލަ ބޭނުންތައް ފައިސާ ހަރަދު ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތުހުމަތު ކުރެ އެވެ.

ޕާޓީގެ އިސްވެރިންނާ މަޝްވަރާ ކުރުމެއްނެތި ބާއްވާ ޖަލްސާތަކުގެ ސަބަބުން މޫސަ 2013 ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ކެމްޕެއިންތަކެއް ކުރައްވާ ކަމަށް ވެސް އެބޭފުޅުން ތުހުމަތު ކުރައްވަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މޫސައަށް ފާޑު ވިދާޅުވަމުން ގެންދަވާ އިރު، އެ ވާހަކަތަކަކަށް ރައްދު ދެއްވަން މޫސަ ބޭނުމެއް ނުވެ އެވެ. ރެއާއި މިއަދު ވެސް މޫސައަށް ގުޅާލައި ސުވާލު ކުރުމުން މޫސަ ފޯނު ކަޑުވާލައްވަ އެވެ.