24 May 2010, 10:32
14:30
މިދިޔަ މާޗްމަހު ދެކުނު ކޮރެޔާގެ މަނަވަރަކަށް ދިން ޓޯޕިޑޯ ހަމަލާގެ ޒިންމާ އުތުރު ކޮރެޔާއިން ނަގަން ޖެހޭނެ ކަމަށް ދެކުނު ކޮރެޔާގެ ރައީސް ލީ މުޔަންގް ބަކް ވިދާޅުވެއްޖެ އެވެ.
ލީ މުޔަންގް ބަކް ވިދާޅުވީ މިދިޔަ މާޗްމަހު ދެކުނު ކޮރެޔާގެ މަނަވަރަކަށް ޓޯޕިޑޯ މިސައިލަކުން ހަމަލާދީ 46 ދަތުރުވެރިން މަރާލި މައްސަލައިގައި އެކަމުގެ އަގު އުތުރު ކޮރެޔާއިން އަދާކުރަން ޖެހޭނެ ކަމަށާއި މިކަމުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށެވެ. އުތުރު ކޮރެޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ނޭއްގާނި އަމަލުތަކަށް ދެކުނު ކޮރެޔާއިން އަބަދުވެސް ކެތްކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މިފަހަރުގެ މައްސަލައިގައި ދެކުނު ކޮރެޔާއިން މަޑުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލީ މުޔަންގްބަކް އިތުރަށް ވިދާޅުވީ މިހާރުން ފެށިގެން ދެކުނުކޮރެޔާގެ ކަނޑުތަކުގައި ދަތުރުކުރުމުގެ ހުއްދައެއް އުތުރު ކޮރެޔާގެ އެއްވެސް ބޯޓަކަށް ނޯންނާނެ ކަމަށާއި ދެގައުމުގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް ހުއްޓަވާލައްވާފައިވާ ކަމަށެވެ.
ދެކުނު ކޮރެޔާގެ އެމަނަވަރު ފައްތާލީ އުތުރު ކޮރެޔާގެ ޓޯޕިޑޯ ހަމަލައަކުން ކަމަށް ދެކުނު ކޮރެޔާއިން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އުތުރު ކޮރެޔާއިން ދަނީ އެކަމަށް ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. އަދި އެމަނަވަރަށް ހަމަލާނުދޭ ކަމަށާއި މިގޮތަށް އެގައުމާ މެދު ތުހުމަތުކޮށް އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް އުތުރު ކޮރެޔާއިން ވަނީ އިންޒާރު ކޮށްފަ އެވެ.