10 Jan 2018, 12:23
އިންޑިއާ އަކީ ޑިމޮކްރަސީގެ "މަންމަ" ކަމަށް ބުނާ އަޑު އިވެއެވެ. ނަސްލީ ތަފާތު ކުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަންތަކެވެ. ނަމަވެސް ޑިމޮކްރަސީގެ މަންމަ، އިންޑިއާ އިން އަދިވެސް ފެންނަމުންދަނީ މީގެ އަނެއް ފަރާތެވެ. އަންހެންދަރިންނަކީ އާއިލާއަށް ބުރައެއް ކަމަށް ގަބޫލުކުރެ އެވެ. އަންހެނުންނަށް ކުރާ އަނިޔާ އަކީ އެގައުމުގައި އެންމެން ދަންނަ އެކަމަކު ސިއްރު ކޮށްފައިވާ ކަންތަކެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހަކީ ޕަރްވީން ޚާންގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. ބަދަލު ހިފުމުގެ ނިޔަތުގައި އޭނާގެ ފިރިމީހާގެ ފަރާތުން ކުރިމަތިވި ޖިސްމާނީ އަނިޔާގެ އަސަރު މިއަދު ވެސް އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ.
އޭރު އުމުރުން 33 އަހަރުގެ ޕަރްވީންގެ ހަޔާތުގެ އެ ދުވަހާ ގުޅޭ ގޮތުން އޭނާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ބޮލީވުޑްގެ ތަރި އާމިރްޚާން ގެނެސްދިން ޓޯކް ޝޯ އެއްގަ އެވެ. "ސަތްޔަމޭވް ޖަޔޭތޭ"ގެ ނަމުގައި ގެނެސްދިން އެ ޝޯގައި ޕަރްވީންގެ ވަހަކަ ގެނެސްދިނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.

ޕަރްވީންގެ ހަޔާތު ނާމާ
ހަމީދް އަކީ ޕަރްވީން ދެވަނަ އަށް ކައިވެނި ކުރި މީހާ އެވެ. އުމުރުން 12 އަހަރުގައި ޕަރްވީންގެ ކައިވެނި އޭނާގެ މައިންބަފައިން ބޭނުންވި މީހާއާ ކުރުވި އެވެ. ފަގީރު އަވަށަކަށް ނިސްބަތްވާ ޕަރްވީންގެ އާއިލާ އިން ދެކުނު ގޮތުގައި އޭނާގެ އުމުރާ އަޅާ ބަލާއިރު ދެގުނަ ބޮޑު މީހަކާ ކައިވެނި ކުރުވުނު ނަމަވެސް "އެ އާއިލާ އިން ކާންދޭންޖެހޭ އެއް އަނގަ މަދުވީ" އެވެ. އެ ސަރަހައްދުގެ ބައެއް އަންހެން ކުދިންނަށް ލިބުނު ތައުލީމު އުނގެނުމުގެ ނަސީބުން ވެސް ޕަރްވީން މަހުރޫމުވީ އެވެ.

ޕަރްވީން ޚާން---
"ކައިވެނި ކުރި ދުވަސް މިއަދު ވެސް ހަނދާން އެބަހުރި. އަހަރެން ލީ ރަތް ހެދުމެއް. ރަތް ލިޕްސްޓިކް ޖައްސައިގެން އިރު ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ވާހަކަ ދައްކަން ވެސް އުނދަގޫ. ދުވަހަކު ވެސް އަދި ދިމާނުވާ އަހަންނަށް ވުރެ ބޮޑު މީހަކާ ކައިވެނި ކުރެވެން އުޅުނު އިރު ވަރަށް ނުތަނަވަސްވި،" އަލް ޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ޕަރްވީން ބުނެފައިވެ އެވެ.
ކައިވެނި ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ޕަރްވީން އަށް ޔަގީންވީ އޭނާގެ ފިރިމީހާ އަކީ އޭނާ އަށް އެއްވެސް ވަރަކަށް އިހުތިރާމްކުރާ މީހެއް ނޫންް ކަމެވެ.
އެހެން އުޅެނިކޮށް ހަމީދު އާ ދިމާވި އެވެ. ހަމީދު ދެކެ ލޯބިވެވުނު އިރު އުމުރުން 16 އަހަރު ކަމަށް ޕަރްވީން ބުނެފައިވެ އެވެ. އޭނާ ވަނީ އެވާހަކަ އާއިލާ އާ ވެސް ހިއްސާކޮށްފަ އެވެ. އަދި އޭރުގެ ފިރިމީހާ ކައިރިއަށް އަނބުރާ ދާން ބޭނުން ނޫން ވާހަކައާއި ވަރިވާން ބޭނުންވާ ވާހަކަ ވެސް އަމިއްލަ މައިންބަފައިން ކައިރީ ބުންޏެވެ.
މައިންބަފައިންނާ ދެކޮޅަށް ޕަރްވީން އާއި ހަމީދު ކައިވެނި ކުރިއެވެ. އޭރު ޕަރްވީނުގެ އުމުރުން 21 އަހަރެވެ.
"ކައިވެނީގެ ކުރީކޮޅު އަހަރެން ހުރީ ވަރަށް އުފަލުން. ހަމީދު އަހަރެން ދެކެ ވަރަށް ލޯބިވޭ. ދުވަހަކު އެހާ ބޮޑު އުފާވެރިކަމެއް އަހަންނަށް އިހުސާސެެއް ނުވޭ. ނަމަވެސް ދެތިން މަސް ވީތަނާ ހުރިހާކަމެއް ބަދަލުވާން ފެށި. ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އަހަންނަށް ލިބެން ފެށި،"
ޕަރްވީން ބުނީ ހަމީދު އޭނާ އަށް ޝައްކު ކުރަން ފެށި ކަމަށާއި ކުރީގެ ފިރިމީހާ އާ ގުޅުން އޮންނަ ކަމަށް ބުނެ، އަނިޔާ ކުރާ ކަމަށެވެ.
ހަމީދު އާއި ޕަރްވީނުގެ ކައިވެންޏަށް ތިން އަހަރުވީ އިރު ޕަރްވީން އިނީ ބަލިވެ އެވެ. ހަމީދު ބޭނުންވީ ފިރިހެން ކުއްޖެކެވެ. ނަމަވެސް އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ހަމީދު ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
ދެވަނަ ފަހަރަށް ޕަރްވީން ބަލިވެ އިން ވާހަކަ އިވުމާއެކު ހަމީދު އޭނާގެ ނިންމުން އިއްވި އެވެ. އަންހެއް ކުއްޖަކަށްވާ ނަމަ ދަރިފުޅު ވައްޓާލާނެ ކަމަށް ބުންޏެވެ. ޕަރްވީންގެ ނުރުހުމުގައި ހޮސްޕިޓަލަށް ގެންގޮސް ބެލި އިރު ދެން ވެސް އެދެމަފިރިންނަށް ލިބެނީ އަންހެއް ކުއްޖެކެވެ.
"އަހަރެން އިނީ ޝޮކެއްގައި. އަހަންނަށް ލިބުނު އުފާވެސް ބީވެ ދިޔައީ. ކުށެއް ނެތް ފުރާނަ ދުނިޔެއާ ވަކިވީ އެކުއްޖާ އަކީ އަންހެން ކުއްޖަކަށް ވީތީ،" އޭގެ ފަހުން ވެސް ޕަރްވީން ބަނޑުބޮޑުވި ނަމަވެސް އެބޯޓް ކޮށްލަން ޖެހުނީ އެވެ. ޖައްސަ ޖައްސަިއގެން ދެ ކުދިން އެބޯޓްކޮށްލަން ޖެހުމުން ޕަރްވީނަށް ލިބުނު ނަފްސާނީ ގެއްލުމުގައި އޭނާ އިންދައި އަލުން ބަނޑުބޮޑުވި އެވެ. އެ ދަރިފުޅު ބައިގެން ދިޔައީ އެވެ.
"އަހަރެންގެ ތިން ކުދިން ގެއްލިގެން ދިޔައީ. އަހަރެން އިނީ ނަފްސާނީ ގޮތުން ވަރަށް ބަލިވެފައި. ދުނިޔެމަތިން ފޫހިވެ ގޮތް ހުސްވެފައި،" އޭނާ ބުންޏެވެ.
ދުވަސްތައް ފާއިތުވަމުންގޮސް 2006 ވަނަ އަހަރު އަނެއްކާ ވެސް ޕަރްވީން ބަނޑުބޮޑުވި އެވެ. މިފަހަރު އޭނާގެ ފިރިމީހާއަށް އެކަން ސިއްރުކުރި އެވެ. ބަނޑަށް ހަ މަސް ވީފަހުން އެއް ދުވަހު އެ ދެމަފިރިންގެ މެދުގައި ޒުވާބެއް ހިނގި އެވެ. އެ ޒުވާބުގެ ތެރެއިން ހަމީދު ޕަރްވީނުގެ ދަށްބަނޑުގައި ޖެހި އެވެ. ޕަރްވީން ބަލިވެ އިން ކަން ހަމީދުއަށް އެނގުނީ ދަށްބަނޑުގައި ޖެހުމުން ލޭ އަންނަން ފެށުމުންނެވެ.
"އަހަރެންގެ ދަރިފުޅަށް އިރާދަފުޅުން ގެއްލުމެއް ނުލިބޭ. އެފަހަރު ވެސް ލިބުނީ އަންހެން ކުއްޖެއް،"

ޕަރްވީންގެ ދެ އަންހެން ކުދިން---
ހަމީދުގެ އަނިޔާތަކާއެކު ވެސް ޕަރްވީން އެނާގެ ދެވަނަ އަންހެން ދަރިފުޅު ދުނިޔެއަަށް އުފަންކުރި އެވެ. އަދި ހަމީދު ކައިރިން ވަރިވާން އެދުނެވެ. ނަމަވެސް ހަމީދު އެކަމާ ދެކޮޅު ހެދި ކަމަށް ޕަރްވީން ބުންޏެވެ. އޭނާގެ ދެ ދަރިންނާ އެކު ދެން އުޅެންފެށީ ވަކިންނެވެ.

ޕަރްވީން އަށް އޭނާގެ ފިރިމީހާ އަނިޔާކޮށްފައި ---
އޭގެ ފަހުން 2009 ވަނަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހެވެ. ޕަރްވީން އޭނާގެ ދަރިންނަށް ޓަކައި ބުރަ މަސައްކަތް ކުރުމުގައި އުޅުނު ދުވަސްވަރެވެ. މަސައްކަތުގައި އުޅެ ވަރުބަލި ފިލުވާލުމަށް ގޭގައި އޮއްވައި ހަމީދު އެ ގެއަށް ޒިޔާރަތް ކުރި އެވެ. އޭރު އެމީހުންގެ ދެ ދަރިން ގޭ ދޮށުގައި ކުޅެން އުޅެ އެވެ. އެކުދިންނަށް ހަދިޔާ ދީފައި ބުނީ މަންމަ އާ ބައްދަލުކޮށްލަން އައީ ކަމަށެވެ.
ޕަރްވީން އަރާމުކުރަން އޮށޯވެ އޮއްވައި ހަމީދު ގޮސް ޕަރްވީންގެ ގައިމައްޗަށް ވެއްޓިގަނެ އޭނާގެ މޫނުގައި ދަތް އެޅީއެވެ. އޭގެ ސަބަބުން ޕަރްވީނުގެ ނޭފަތް ވެސް ވަނީ މޫނާ ވަކިވެފަ އެވެ.
"އެއީ އަހަރެމެންގެ މުޖްތަމައުގައި ދޭ އަދަބެއް. އަނެކާގެ އަގު ވައްޓައިލިކަމުގެ އަދަބު. އޭނާ އަހަރެން 'ކާލީ' ޖަނަވާރެއް އޭގެ ޝިކާރައަށް ހަމަލާދީ ކާލާހެން،" ޕަރްވީން ބުންޏެވެ.

ޕަރްވީން---
އަހަރެންގެ އަންހެން ދަރިންނަކީ އަހަރެއްންގެ ފަޚުރު
ފިރިމީހާގެ އަނިޔާތަކަށް ކެތްކޮށް ދިރިއުޅުން ވޭތުކުރި ޕަރްވީނު ބުނާ ގޮތުން އޭނާ އަށް ލިބުނު ދެ އަންހެން ދަރިންނަކީ މިއަދު އޭނާގެ ފަޚުރެވެ. އެންމެ ފުރަތަމަ ޕަރްވީނަށް ލިބުނު ދަރިފުޅު ބުލްބުލްއަށް މިހާރު 20 އަަހަރެވެ. ބުލްބުލް މިހާރު ދަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ފުރިހަމަކުރަމުންނެވެ. ހަގު ދަރިފުޅު ސާނިޔާގެ އުމުރުން 11 އަހަރެވެ. ސާނިޔާގެ އަޒުމަކީ ބޮޑުވެގެން ސަރުކާރު ވަޒީފާއެއްގައި ހުރެ ގައުމަށް ހިދުމަތް ކުރުމެވެ.
"އަހަރެން ބުނަން ބޭނުން ވަނީ އަންހެން ކުދިންނަކީ ބުރައެއް ނޫނޭ. ފިރިހެން ކުދިންނާ އެއްވެސް ތަފާތެއް އަންހެންކުދިންގެ ނެތޭ. އަހަރެންގެ ދެ އަންހެން ކުދިންނަކީ އަހަންނަށް ލެއްވި ރަހުމަތެއް،"
އިންޑިއާގެ ސުޕްރީމް ކޯޓުގެ ސީނިއާ އެޑްވޮކޭޓް އިންދިރާ ޖެއިސިންގް ވިދާޅުވީ އިންޑިއާ އަކީ ތަހުޒީބު ގައުމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. ސަބަބަކަށް ރޭޕް އާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ރޭޕް ކުރާ މީހުންނަށާއި ގެވެށި އަނިޔާ ކުރާ މީހުން އަދި އަންހެނުންނަށް އަނިޔާ ކުރާ މީހުންނަށް އެކަށީގެންވާ ހައްގު އަދަބު ނުދެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
(މިއީ 2017 ނޮވެމްބަރު 17ގައި އަލްޖަޒީރާގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގެ ހުލާސާ އެކެވެ.)