ރާއްޖޭގައި ވަޒީފާ އަދާކުރާ މާހައުލުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގިނަވަމުން އަންނަ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެއް މާހައުލެއްގައި މަސައްކަތް ކުރާ އެއް ފަންތިއެއްގެ ދެ މުވައްޒަފުންގެ ދެމެދުގައި ތަފާތު ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަަލަތަކާ ބެހޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ނާފިޒް ވިދާޅުވީ އެތަފާތުކުރުންތައް ގިނައިން ފެންނަނީ ބިދޭސީންނާއި ދިވެހީންގެ ދެމެދުގައި ކަމަށެވެ. މީގެ އިތުރުން އެއް ވަޒީފާއެއް އަދާކުރާ ދިވެހިންގެ ތެރޭގައި ވެސް ތަފާތުކުރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާ ދޭ ފަރާތުން ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ މެދުގައި ތަފާތުކުރާ މައްސަލަ ދަނީ އިތުރުވަމުން. ވަޒީފާގެ މާހައުލުގައި ތަފާތު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަންތައްތަކެއް ނޫން،" ނާފިޒް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު: ތަފާތުކުރޭ --- ސަން ފައިލް ފޮޓޯ// އަލީ ނަސީރު

ނާފިޒް ވިދާޅުވީ ތަފާތުކުރުންތައް ހުރިހާ ލެވެލްއެއްގައި ވެސް އެބަހުރި ކަމަށާއި އެއް ވަޒީފާއެއްގައި ތިބޭއިރު، ބިދޭސީ އަކަސް ދިވެއްސަކަސް، ލިބޭ މުސާރައާއި އިނާޔަތްތަކުގައި ތަފާތު ނުކުރެވޭނެ ކަމަށެވެ. އަދި ތަފާތު ކުރުމުގެ މައްސަލަ ހުރިހާ ސިނާއަތްތަކުގައި ވެސް އެބަހުރި ކަމަށާއި ހާއްސަކޮށް ރިސޯޓުތަކުގައި އެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ހާލަތްތަކުގައި ބިދޭސީންނަށް އެބަހުރި ބޮޑެތި މުސާރައާއި އިނާޔަތްތައް ދީފައި. މީގައި އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ ދިވެހީންނަށް ހުރި ބައިވަރު ފުރުސަތުތަކެކޭ ބިދޭސީން އެ ބޭނުން ކުރަމުން ދަނީ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބޮޑެތި މަގާމުތައް އަދާކުރަނީ ބިދޭސީން. މި މަގާމުތައް އަދާކުރުމުގެ ގާބިލްކަން ދިވެހި އެތައް ކުދިންނެއްގެ އެބަހުރި،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަފާތު ކުރުމުގެ މައްސަލަތައް މަދުން ނަމަވެސް ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް ދަނީ ހުށަހަޅަމުންނެވެ. ނަމަވެސް އެމައްސަލަތައް ދިމާވާ މިންވަރަށް ބަލާއިރު، ހުށަހެޅަނީ ނިސްބަތުން މަދު އަދަދެއްގެ މައްސަލަތަކެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް އެއްވެސް ބިރެއް ނެތި ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުން،" ނާފިޒު ވިދާޅުވި އެވެ.