އެޕަލްގެ އައިފޯނުގެ ސަބަބުން ކުދިންގެ އުޅުމަށް ނޭދެވޭ އަސަރު ކުރޭތޯ ބެލުމަށް އެޕަލްގެ ދެ އިންވެސްޓަރަކު ގޮވާލައިފި އެވެ.

އައިފޯނަކީ ކުދިންނަށް "އެޑިކްޓިވް" އެއްޗެއްތޯ އާއި ފޯނު ބޭނުންކުރުމުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެއްވެސް އަސަރެއް ކުރޭތޯ ބަލަން ބޭނުންވާ ކަމަށް އިންވެސްޓަރުން ވަނީ ބުނެފަ އެވެ.

ކުންފުނިތަކަށް އިންވެސްޓް ކުރާ އިންވެސްޓަރުން، އެކުންފުނިތަކުގެ އިޖްތިމާއީ ޒިންމާތަކުގެ ވާހަކަ ދެއްކުމަކީ އާންމުކޮށް ހިނގާކަމެއް ނޫނެވެ. އިންވެސްޓަރުން އާންމުކޮށް ބަލާނީ ކުންފުނީގެ ކޯޕަރޭޓް ހިންގުމުގެ ކަންތަކެވެ.

ޖަނާ ޕާޓްނާސް އެލްއެލްސީ އަދި ކެލިފޯނިއާ ސްޓޭޓް ޓީޗާސް ރިޓަޔަމެންޓް ސިސްޓަމް އަކީ ދެ ބިލިއަން ޑޮލަރުގެ ހިއްސާއެއް އެޕަލް ކުންފުނީގައި އޮންނަ ދެ ޕާޓީ އެވެ.

އެޕަލް ކުންފުންޏަށް ފޮނުވި "އޯޕަން ލެޓާ އެއް"ގައި އެ ދެ ފަރާތުން ބުނީ އައިފޯނުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އަސަރު ކުރާ ކަމަށް ބުނާ ސައިންޓިފިކް ދިރާސާތައް އެބަހުރި ކަމަށެވެ. މާ ގިނައިން ފޯނު ބޭނުންކުރާ ކުދިންނަކީ "އަމިއްލަށް މަރުވާ ކުދިން" ކަމަށާއި މާ ގިނައިން ސޯޝަލް މީޑިއާ ބޭނުން ކުރުމަކީ ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެމެރިކާގައި އުމުރުން 10 އަހަރުވާ އިރު ކުދިންގެއަތުގައި ފޯނު އޮންނަ ކަމަށް ބުނާ ދިރާސާއެއް އެ ސިޓީގައި ވަނީ ހިމަނައިފަ އެވެ. އަދި ދުވާލަކު މަދުވެގެން 4.5 ގަޑި އިރު އެކުދިމް ހޭދަކުރަނީ ފޯނު ބޭނުން ކުރުމުގައި ކަމަށާއި މިހާ ގިނަ ވަގުތު ފޯނުގައި ހޭދަކުރުމަކީ ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރުކޮށް، ފޯނުގެ އަސްލު މަގުސަދު އޮޅޭ ކަމެއް ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

އިންވެސްޓަރުންގެ ސިޓީގައި ގޮވާލާފައި ވަނީ ޓެކްނޮލަޖީގެ ސަބަބުން ކުދިންގެ އުޅުމަށް ކުރާ އަސަރުތައް ދެނެގަތުމަށް އެކްސްޕާޓުންގެ ކޮމެޓީއެއް އެކުލަވާލާ، ޕޭރެންޓަލް ކޮންޓްރޯލު ވަރުގަދަކޮށް މި ކަމާ ގުޅޭ ޒިންމާ އުފުލާނެ ބަޔަކު ކަނޑައެޅުމަށެވެ.

މި ކަންކަމަށް ފިޔަވަޅު އެޅުމަކީ ކުރިމަގުގައި ކުންފުނި ވަރުގަދަވެ އުފެއްދުންތައް ވަރުގަދަވާނެ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މި ސިޓީއާ ގުޅިގެން އެޕަލް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.