ސްޕެއިން ކްލަބް ރެއާލް މެޑްރިޑުން ދެން އިތުރަށް ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިނުވާނެ ކަމަށާއި މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސްޕެނިޝް ސުޕާކަޕަށް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިސީޒަންގައި ރެއާލް މެޑްރިޑަށް ކޯޗް މޮރީނިއޯ ފަސް ކުޅުންތެރިން ގެނެސްފައިވެ އެވެ. ރެއާލް މެޑްރިޑް އަންނަ ސީޒަނަށް ކުރިމަތިލާނީ ބެޔާން މިއުނިކުން ގެނައި ހާމިތް އަލްޓިންޓޮޕް، ބޮރޫސިއާ ޑޮޓްމުންޑްއިން ގެނައި ނޫރީ ސަހިން، އެސްޕާނިޔޯލްއިން ގެނައި ހޯސޭ މާރިއާ ކަލެހޯން، ލެންސްއިން ގެނައި ރަފެއަލް ވެރޭން އަދި ބެންފީކާއިން ގެނައި ފަބިއޯ ކޮންޓްރާއޯއާއެކު އެވެ.

"އަހަރެން ދެން ބޭނުންމެއްނޫން މިޓީމުން ކުޅުންތެރިއެއް ދާކަށް ވެސް އަދި އާކުޅުންތެރިއަކު ގެންނާކަށް ވެސް އަހަރެމެން އެއްކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކަށް ވެސް އިތުބާރުކުރަން. ތަޖުރިބާ މަދު ކުޅުންތެރިން ވެސް މިހާރު ވަނީ ކުޅުން ރަނގަޅުކޮށްފައި. މިޓީމާ އެކު ސީޒަން ނިންމާލެވޭނެ ކަމަށް އަހަރެން އުންމީދުކުރަން." ހޯސޭ މޮރީނިއޯ ބުންޏެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ޓްރެއިނިންގްތަކަކާ އެކުވެރިކަމުގެ މެޗްތަކެއް ކުޅެފައިވާނެ ކަމަށާއި އޭގެ ފައިދާ މުޅި ސީޒަން ފެނިގެންދާނެ ކަމަށް މޮރީނިއޯ ބުންޏެވެ.
"އަހަރެމެން 26 ޓްރެއިނިންގް ސެޝަނާއި ހަތް އެކުވެރިކަމުގެ މެޗް ކުޅެފައިވާނެ. މިކަމުގެ ފައިދާ މުޅި ސީޒަންގައި އޭގެ އެންމެ ރަނގަޅު ގޮތުގައި ފެނިގެންދާނެ. އަހަރެމެން ހަމައެކަނި ސުޕާކޮޕާއަކަށްނޫން ތައްޔާރުވީކީ. ތައްޔާރުވީ މުޅި ސީޒަނަށް." މޮރީނިއޯ ބުންޏެވެ.

އުމުރުން 48 އަހަރުގެ ޕޯޗުގަލްއަށް ނިސްބަތްވާ ކޯޗް މޮރީނިއޯ އަންނަ ސީޒަންގެ ތިން މެޗަށް ކުރިން ސަސްޕެންޑްކޮށްފައިވީ ނަމަވެސް ޔޫއެފާއިންވަނީ އަދަބު ލުއިކޮށްދިނުމުގެ ގޮތުން ދެމެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެހެންނަމަވެސް މޮރީނިއޯ އަންނަ ސީޒަންގައި ވެސް މަޑުން ނުހުންނާނެކަމަށާއި އެއްވެސް މީހަކަށް އޭނާ ނުހުއްޓުވޭނެ ކަމަށް އޭނާ ވަނީ އިޢުލާންކޮށްފަ އެވެ.

ސްޕެއިން ސުޕާކަޕްގައި މިރޭ 1:00ގައި ސްޕެއިންގެ ދެވާދަވެރިންކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރާނެ އެވެ. ފުރަތަމަ ލެގު އޮތީ ރެއާލް މެޑްރިޑްގެ ދަނޑު ސެންޓިއާގޯ ބެނަބާއޯގަ އެވެ. ދެޓީމުންވެސްދަނީ މޮޅުވާނެކަމުގެ އުންމީދުބޮޑުކަމަށް ހާމަކުރަމުންނެވެ.