ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ މިސްރާބުހުރި ދިމާ، އެކިމީހުން ސިފަކުރީ އެކިގޮތަށެވެ. ވޭތުވެދިޔަ ދެތިން އަހަރަކީ ދިވެހި ފުޓުބޯޅައަށް ބަނަ ދުވަސްތަކެކޭ ބައެއް މީހުން ބުނާއިރު، މިސްރާބުހުރީ ކުރިއެރުމާ، ޖީލުތައް ބިނާކުރުމާ ދިމާއަށް ކަމަށްވެސް ބަޔަކު ސިފަކުރެއެވެ. ހަމަ ޔަގީނުންވެސް ވޭތުވެދިޔަ ދެ ސީޒަންގެ ތެރޭގައި ދިވެހި ކުލަބު ފުޓުބޯޅައަށް އިންގިލާބެއް ގެނުވައިފިއެވެ.

ގައުމީ ޓީމަށް މާ ބޮޑު ހިނިތުންވުމެއް ގެނުވައިނުދެވުނަސް، ކްލަބުތަކުގެ ކުރިއެރުމަށް ހިނިތުން ވެލުން ހައްގެވެ. ޒުވާން ކުލަބުތަކުން ރާއްޖޭގެ ފުޓުބޯޅައިގެ ރަސްކަން ކުރާ ކުލަބުތަކަށް 'ޕުރެޝަރު' ކޮށްފިއެވެ. އޭގެ ސަބަބުން ކްލަބު ފުޓުބޯޅަ ވާދަވެރިވެ މުޅިން އައު ނަންތަކެއް ފުޓުބޯޅައިގެ ޖައްވުގައި ފިޔަޖަހަން ފަށައިފިއެވެ. އެއްވެސް ގޮތެއްގައި މިއީ ބޮޑެތި ކުލަބުތަކަށް ބުނާ ބަދު ބަހެއް ނޫނެވެ. މިއީ ބޮޑެތި ކުލަބުތަކުންވެސް ޗެލެންޖު ގަބޫލުކުރަންވީ ވަގުތެވެ.

އުރީދޫ ދިވެހި ޕްރިމިއާރ ލީގުގައި ޓީސީ ވާދަކުރި މެޗެއްގެ ތެރެއިން: މި ސީޒަންގައި ދާދު ޓީސީން ނުފެންނާނެ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް ސޯޅަ ވަނަ އަހަރުގެ ސީޒަނަކީ ރާއްޖޭގެ ފުޓުބޯޅަ ރަސްގެފާނު، ނިއުރޭޑިންޓް ސްޕޯޓްސް ކުލަބަށް ދަށް ސީޒަނެއް ނަމަވެސް އެ ކުލަބުވަނީ ނިމިދިޔަ އަހަރު އެކުލަބުގެ މަގާމަށް އެނބުރި އައިސްފައޭ ބުނުމުން އެކަމާ ދެބަސް ވެވޭކަށް ނެތެވެ.

ދެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. އެންމެން ސިއްސުވާލި "ބޮޑު" ކްލަބެވެ. ސަޕޯޓަރުންގެ ގިނަބައެއް އަދި ނެތްނަމަވެސް ނަތީޖާތަކުން ހިތް އަތުލަމުންދާ ކުލަބެކެވެ. ނިމިދިޔަ އަހަރު އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލުކުރި މާޒިޔާއަށް ތަރުހީބުގެ އަތްތިލަ ބަޑިއެއް ދޭން ޖެހެއެވެ. މަދު ދުވަސް ކޮޅެއްގައި ނަމަވެސް މާޒިޔާއިން އޭޝިއާ ލެވެލްގައި އެކުލަބު ތަޢާރަފު ކޮށްދީފިއެވެ. އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީއާއި މޯހަން ބަގާންއަށް ދިވެހި ފުޓުބޯޅައިގެ ފެންވަރު ދައްކާލައި މާޒިޔާއިން ދިވެހި ފުޓުބޯޅައިގެ އަގު ދަމަހައްޓައިދިންކަން ޔަގީނެވެ.

އަނެއްކާވެސް އައު ސީޒަނަކަށް ކުރިމަތިލާއިރު، ފުޓުބޯޅަ އާއިލާ މި އެއްލަނީ މުޅިން އައު ސޮފުހާއެކެވެ. ފުރަތަމަ ޑިވިޝަނަށް އައިތާ ތިން އަހަރުވެސް ނުވާ ޒުވާން ކުލަބު ޓީސީން ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ. ވޭތުވެދިޔަ ސީޒަންގެ ކުރިން ބަންގާޅުގައި ކުޅުނު އިންވިޓޭޝަނަލް ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް ކަޕުގެ ތަށި ހޯދި ޓީސީ، މި ސީޒަންގައި ނުކުންނާނީ އޭއެފްސީ ކަޕަށެވެ.

ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕުގެ ޗެމްޕިއަންކަން ތަށި ހިފައިގެން މާލެ އައި ޓީސީއަށް ޔޫތު މިނިސްޓަރާއެކު ޑޭވް މަރުހަބާ ކިޔުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ޓީސީ - އޭޝިއާ ނުކުތީ ސިންގާގެ ހިތްވަރުން

ޓީސީގެ ވާހަކަ މިފަދަ ގޮތަކަށް ދައްކާލަން އެންމެ އެކަށޭނެ މީހަކީ އެ ކްލަބުގެ ބާނީ އަހްމަދު ނަޝީދު (ޑޭވް) ކަން ޔަގީނެވެ. ޓީސީ އޭޝިއާއަށް ކުރި ދަތުރުގެ ވާހަކަ ހިއްސާކޮށްލުމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވް 'ސަން ސްޕޯޓްސް'އަށް ވަގުތުކޮޅެއް ހުސްކޮށްލަދެއްވިއެވެ.

"ބަލާ ޓީސީގެ ވައިބާ ގްރޫޕް، ބިދޭސީ ކުޅުންތެރިންނަށް މަރުހަބާ ކިޔާނީވެސް ހަމަ 'ލަޔަންސް' (ސިންގާ) އާއިލާއަށް މަރުހަބާއޭ ކިޔާފަ. ވަރަށް ބޮޑަށް ޓީސީއާއިލާ ރަމްޒުކޮށްދޭ އެއްޗެއް މިހާރު ސިންގާއަކީ،" ޑޭވް ފުރަތަމަ ސިންގާގެ ވާހަކަ އަހާލުމުން ޓީސީގެ ވައިބާ ގްރޫޕް ދައްކަވާލެއްވިއެވެ.

"ޓީސީއަކީ ބިރުނެތް، ކޮންމެ ކަމަކަށްވެސް ކުރިމަތިލާނެ ބައެއްކަން މީގެން ބުނެދެނީ. އަހަރުމެން ޖެހިލުމެއް ނުވާނޭ. ކުޅުންތެރިން ސިކުނޑިއަށްވެސް އޭތި ވަދެފަ މިހާރު އިންނަނީ. ހިތްވަރު އެލުވައެއް ނުލާނެ ޓީސީން،" ޑޭވް ޓީސީ ސިންގާއިން އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.

ޝެއިހް ކަމާލް ކަޕުގެ ތަށި ގެނައިރު މަރުހަބާ ކިޔުމަށް ގޮސްހުރި ޓީސީގެ ބާނީ ޑޭވް ސަންއަށް އިންޓަވިއުއެއް ދެނީ ---ސަން ފައިލް ފޮޓޯ

ޑޭވް ވިދާޅުވީ ޓީސީއަކީ އެއްވެސްއިރެއްގައި އިދިކޮޅަށް ނުކުންނަ ޓީމު ބަލާ ޓީމެއް ނޫން ކަމަށާއި، އިދިކޮޅު ޓީމު ދަސްކުރާނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކަމަށެވެ.

"ޓީސީ އެއްވެސް އިރެއްގައި ނުބަލާނެ އިދިކޮޅަށް އަންނަ ޓީމަކަށް. އެއީ ނިޒާމްބެގެ މަސައްކަތެއް. އޭނާ އެކަން ފުރިހަމައަށް އަދާކުރާނެ. ޓީސީއަށް ހެޔޮ އިދިކޮޅަށް ބާސެލޯނާ، ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް އަޔަސް، ޓީސީން ނުކުނާނީ ޓީސީގެ ގޭމް ކުޅުމަށް. އެއްވެސް މުބާރާތަކުން ބަލިވިޔަސް ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭނެ މެނޭޖުމަންޓުން ބަދު ބަހެއް ނުބުނާނެކަން. އެކުދިން އަބަދުވެސް އެކުދިންގެ ފުލް ދޭނެ،" ޑޭވް ވިދާޅުވިއެވެ.

ޓީސީ ސްޕޯޓްސް ކްލަބު ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ހޯދުމުން ޓީސީ ގެ އާއިލާ އުފާފާޅުކުރަނީ: ޓީސީ ފާހަގަކުރެވެނޭ ވަރަށް އެކުވެރި ކްލަބެއްގެ ގޮތުގައި ---ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕަށް ދިޔަ ދިވެހި އެންމެ ޅަ ޓީމު

ޓީސީ ރާއްޖޭގެ ފުޓުބޯޅައަށް ތައާރަފުވިތާ ގިނަ ދުވަހެއް ނުވެއެވެ. ފުރަތަމަ ޑިވިޝަންގެ މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް ޓީސީވަނީ ރާއްޖޭ ފުޓުބޯޅައިގެ "ޓޮޕް ލެވެލް" ގައި ވަކިހިއްޕާލާފައެވެ. ބޮޑެތި ބިޔަ ކްލަބުތައް ފަހަތަށް ޖައްސާލައި ޓީސީ މިހާރު އޮތް ލެވެލްއަށް އެރީ ކިހިނެތްތޯ ޑޭވްކައިރިން އަހާލުމުން އޭނާ ވިދާޅުވީ އެއަށް ދޭން ޖެހޭނީ 'ސިމްޕަލް' ޖަވާބެއް ކަމަށެވެ.

"އަހަރެމެން 2013 ގައި ތިބީ ތިންވަނަ ޑިވިޝަންގައި، 2014 ތިބީ ދެވަނަ ޑިވިޝަންގައި، ފަސްޓަށް ފުރަތަމަ އެރީ 2015 ގައި. ފުރަތަމަވެސް ބުނިން އިރާދަކުރެއްވިއްޔާ ޓީސީގެ އަމާޒަކީ ފުރަތަމަ ޑިވިޝަންގައި ދެ އަހަރު ދެމިއޮތުން ކަމަށް. ދެނޭ ކުޅެން ފައްޓާނީ. ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކަކުން، ހާއްސަކޮށް އީގަލްސްގެ މުފާވިޒު (މުފާ) ބުނި ޑޭވްއޭ، ތެޅި ނުގަންނާށޭ ތެޅިގަނެފިއްޔާ ފަސްޓްގައި ނޯވެވޭނޭ. މީހުން ގަނެ މާ ބޮޑަށް އެކަންކަމާ ނޫޅެއްޗޭ. ދެން މީގެއިތުރުންވެސް ކޯޗު އަލީ ސުޒޭންމެންވެސް ވަރަށް ބޮޑު ހިތްވަރެއް ދިން،" ޑޭވް ވިދާޅުވިއެވެ.

ޓީސީ ޓީމު އޭއެފްސީ ކަޕުގެ ޕްލިރިމިނަރީ ބުރަށް ބަންގާޅަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޭވް ވިދާޅުވީ ޓީސީ އެ ހުރިހާ އެންމެންގެވެސް ބަސްއަހައިގެން އަމިއްލަ ޕްލޭނެއް އެކުލަވާލި ކަމަށެވެ. ޓާގެޓް ކުރީ ދެއަހަރު ނުވަތަ ތިން އަހަރު ކުޅުމަށްފަހު "ރީތި ފުޓުބޯޅަ" އެއް ކުޅުމަށް ކަމަށްވެސް ޓީސީގެ ރޫހުކަމަށްވާ ޑޭވް ވިދާޅުވިއެވެ.

ޑޭވް ކުރުކޮށް ވިދާޅުވީ، ޓީސީ އޭއެފްސީ ކަޕަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ޕްލޭނަކަށް ތަބާވެ، ކުރި މަސައްކަތް ކަމަށެވެ. ޓީސީގެ ރެސިޕީގެ އެންމެ މުހިއްމު އެއްޗަކީ 'ސަސްޓެއިން ބަޖެޓް' އެއް ގެންގުޅުން ކަމަށްވެސް ޑޭވްގެ ވާހަކައިން ފާހަގަކޮށްލެއްވިއެވެ. އަދި އެކަކުންޏެއްގެ ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނެ އުޅޭ ބަހުގައި ޓީސީ ރަނގަޅަށް ހިފިކަމަށްވެސް ޑޭވް ފާހަގަކުރެއްވިއެވެ.

ނިޒާމްބެއަކީ ޓީސީއަށް އެންމެ މޮޅު ކޯޗު - ހުރިހާ ކުޅުންތެރިންނަކީވެސް މުހިއްމު ކުޅުންތެރިން

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ)--ސަން ފައިލް ފޮޓޯ/ ފަޔާޒް މުސާ

ދިވެހި ކޯޗަކާއެކު ދިވެހި ކްލަބެއް އޭއެފްސީ ކަޕު ފަދަ އޭޝިއާ ލެވެލްގެ މުބާރާތަކަށް ގޮސްފައިވަނީ ފަހުގެ ތާރީހެއްގައި މަދުފަހަރެއްގައެވެ. އެހެންނަމަވެސް ޓީސީގެ ހާލަތު މުޅިން ތަފާތެވެ. ޓީސީއޮތީ އަބަދުވެސް ނިޒާމްބެ އަތްމަތީގައެވެ. ޓީސީ ޓީސީއަކަށް ވެފައި މިއަދު އޮތީ ނިޒާމްބެގެ ބެލެނިވެރިކަމުގައެވެ.

"ޓީސީ ޓީމަކީ ނިޒާމްބެގެ ޓީމެއް. އޭނާގެ ހިތަކަށް ދީފަ ޓީމު އޮންނާނީ. ދެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނިޒާމްބެގެ ކާމިޔާބީ ބޮޑު ކަންނޭންގެ ގައުމީ ލެވެލްއަށްވުރެ. އެކަމަކު ނިޒާމްބެ ގައުމީ ލެވެލްގަވެސް އޭނާގެ ގާބިލުކަން ސާބިތުކޮށްދީފި. ހަމަ ޔަގީނުންވެސް ޓީސީއަށް އެންމެ މޮޅު ކޯޗަކީ ނިޒާމްބެ،" ޑޭވް ސަން ސްޕޯޓްސްއަށް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ ނިޒާމްބެއާ ދޭތެރޭ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، ޓީސީގެ ހުރިހާ ކުޅުންތެރިންނާ ދޭތެރޭވެސް ހަމައެފަދަ ކަމަށެވެ.

ޓީސީގައި ތިބި ފާހަގަކޮށްލެވޭ 'ކީ ޕްލޭއަރުން' ނަކީ ކޮބާތޯ ޑޭވް ގާތުން އަހާލުމުން، އަނެއްކާވެސް ދެއްވީ ލުއި ޖަވާބެކެވެ.

"ޓީސީގެ ހުރިހާ ކުޅުންތެރިންނަކީވެސް މުހިއްމު ކުޅުންތެރިން. އެއްވެސް ސްޓާ ޕްލޭއަރެއް ނުހުންނާނެ. ޓީސީގެ ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރާ ސަބަބަކީވެސް އެއީ. އެ ހުރިހާ ކުޅުންތެރިންވެސް ސާބިތުކޮށްދޭން ޖެހޭ ކަންކަން ހުންނާތީ. ތަރިއަކަށްވީމަ މަސައްކަތް ދަށްވާނެ. ޓީސީއަށް އެންމެ މުހިއްމު ކުޅުންތެރިން އެއީ ޓީމު އެއްކޮށް. އެންމެވެސް ޓީސީއަށް މުހިއްމުވާނެ،" ޑޭވް ވިދާޅުވިއެވެ.

ޑޭވް ވިދާޅުވީ، ޓީސީގެ ސްކޮޑަކީ ވަރަށް ހިތްހަމަ ޖެހޭ ސްކޮޑެއް ކަމަށާއި، ޓީސީއަށް އޭޝިއާގައިވެސް ޓީމެއްގެ ގޮތުގައި ކުޅެވޭނެ ކަމަށެވެ. ޓީސީ އެއްވެސް އިރެއްގައި ވަކިވަކި ކުޅުންތެރިންނަށްވުރެ ބޮޑަށް ވިސްނާނީ ޓީމެއްގެ ގޮތުގައި ކުޅުމަށް ކަމަށްވެސް ޑޭވް ފާހަގަކުރެއްވިއެވެ.

ޓީސީ ޓީމު ބަންގާޅަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީސީގެ ތާރީހްގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕު މެޗަކަށް ނުކުންނައިރު، އެ ހުވަފެން ދެކެން ބޭނުންވި އެތައް ބައެއް އެބަތިއްބެވެ. ޓީސީގެ "ސަޕޯޓަރުންގެ ބޭސް" އެއް އުފެދެމުން އަންނަކަމީ ޓީމަށް ދިވެހިން ކުރާ އިތުބާރެވެ.

ޑޭވް ފަހުބަހެއްގެ ގޮތުން ވިދާޅުވީ "ނޭނގި ނަމަވެސް، އެނގިގެން ނަމަވެސް، ޓީސީ ޓީސީއަށް ތި ހަދާދެނީ ސަޕޯޓަރުން. ސަޕޯޓަރުން އެބަތިބިކަން އެނގޭ މީހުންނާ ދިމާވީމަ ކޮބާ އަހަރެމެންގެ ޓީމު ރަނގަޅުވާނެހޭ؟ ޓީމަށް ކޮންބައެއްހޭ ގެންނަނީ؟، މިހެން އަހާލާތީ. އެ އެންމެނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޑޭވް ވިދާޅުވިއެވެ.

ޓީސީ އޭއެފްސީ ކަޕަށް ކުރި ކާމިޔާބު ދަތުރާއެކު ދިވެހި ސަޕޯޓަރުން އެ ކުލަބަށް އިތުބާރުކުރާނެކަން ޔަގީނެވެ. އަދި މި މަންޒަރަކީ ގިނަ ބަޔަކު އިންތިޒާރުވެސް ކުރަމުން އައި މަންޒަރެކެވެ.

"ޓީސީ ހޯދައިފި ބައިނަލް އަގުވާމީ ތަށްޓެއް، ޓީސީއޭ އަސްލު އޭއެފްސީ ކަޕަށްވެސް ދާންވީ،" މީ ވަރަށް ގިނަ ސަޕޯޓަރުންގެ ބަހެކެވެ. އެ އިތުބާރު ޓީސީއަށް ދިވެހި ސަޕޯޓަރުން ދިނީ ކާމިޔާބީއަށް އެދި ކުރެވޭ އުންމީދަކުންނެވެ.

ޓީސީގެ އަސްލު ޗެލެންޖަކީ މިއީއެވެ. ޓީސީއަށް ސާބިތުކޮށްދޭން ޖެހޭ ސާބިތުކޮށްދިނުމަކީވެސް މިއީއެވެ. ރާއްޖޭގެ ތަށްޓެއްގައި އަދި އަތްނުލެވި އޮތްނަމަވެސް، ޓީސީއަށް އޭއެފްސީ ކަޕަށްވެސް ޖެހިލުންނުވާނެކަން އެ ކްލަބުގެ ބާނީވެސް ބުނެދެއްވައިފިއެވެ.ޓްރަސްޓް އެންޑް ކެއާކްލަބަށް ދިވެހިންގެވެސް އަޅާލުމާ އިތުބާރު ދީފިއެވެ. ކާމިޔާބީއަށް އުންމީދު ކުރެވެއެވެ. ގޯޅި ގަނޑެއްގެ ތެރެއިން ނުކުތް ފުޓުބޯޅައިގެ ސިންގާ މިހާރު އޮތީ އޭޝިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތުގައި ނަން ލިޔެލާފައެވެ.