09 Jan 2018, 14:43
މިދިޔަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ލިންކް ރޯޑްގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޕިކަޕް ޑްރައިވަރުގެ މުއްދަތު ޖަހަން ގެންދިއުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 33 އަހަރުގެ ފިރިހެން މީހާގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި، އެނާ ދޫކޮށްލާފައިވަނީ މީގެ ކުރިން ކޯޓުން ދީފައިވާ ހަ ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކަމަށެވެ.
އެ އެކްސިޑެންޓުގައި ގދ. ވާދޫ، ނެސްޓް، އުމުރުން 13 އަހަރުގެ އަރުޝަމް އިބްރާހިމް ވަނީ މަރުވެފަ އެވެ. އަރުޝަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގިތާ ތިން ދުވަސް ފަހުންނެވެ.
އެކްސިޑެންޓު ހިނގި އިރު އަރުޝަމް އިނީ ސައިކަލު ފަހަތުގައެވެ. ސައިކަލުގެ ދުއްވަން އިނީ 21 އަހަރުގެ އަނަސް ހުސައިންއެވެ. އެކްސިޑެންޓްގައި އަނިޔާވި އައްޑޫ ސިޓީ މަރަދުއަށް ނިސްބަތްވާ އަނަސް ދަނީ މާލޭގައި ފަރުވާ ހޯދަމުންނެވެ.