ޝަރީއަތް ނިމުމުގެ ކުރިން އިންސާފުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އިންސާފުގެ ވާހަކަ ދެއްކޭނީ ޝަރީއަތް ނިމުމުން ކަމަށް، ރިޝްވަތުގެ ދައުވާ އުފުލާފައިވާ ފާރިސް މައުމޫންގެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށްދާ އިބުތިދާއީ އަޑުއެހުމުގައި މިއަދު އޮތީ ފާރިސްފެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. ފާރިސްގެ ފަރާތުން މިއަދު ވަނީ 23 ހުށަހެޅުމެއް ހުށަހަޅައި ނިންމައިފަ އެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހަދައިގެން ހުށަހަޅާފައި ކަމަށެވެ. އެއީ ފާރިސްގެ ފޯނު ފުލުހުން ހިފެހެއްޓީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ކަމަށާއި ނަމަވެސް ހެކީގެ ގޮތުގައި ފޯނުން ނަގާފައި ހުރި މައުލޫމާތުތަކަކީ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ނަގާފައިވާ މައުލޫމާތުތަކެއް ކަން ރިޕޯޓުން ފެންނަން އޮންނަ ކަމަށެވެ.

މައުމޫން ހަމީދު ފާހަގަކުރެއްވި ނުކުތާއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ފޯނު ހިފެހެއްޓި ތާރީހުގެ ގޮތުގައި 5 ޖޫން ޖެހިފައި އޮތީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ 5 ޖުލައި ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށް ފޮރެންސިކް ރިޕޯޓްގެ އިތުރުން ފުލުހުންގެ ފަރާތުން އެ ރިޕޯޓް ތައްޔާރު ކުރި ފަރާތް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމަށް ދައުލަތުގެ ވަކީލާ ވަނީ ހުށަހަޅައިފަ އެވެ.

މިއަދުގެ މަޖިލީހުގައި ފާރިސް ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ފޯރީގައި ހިއްސާކޮށްލައިފަ އެވެ. ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުރިކަން ފާހަގަކޮށް ފާރިސް ވިދާޅުވީ ދައުލަތުން ބޭނުން ވަނީ އޭނާގެ ހައްގުތައް ހަނިކޮށް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ނިންމާލަން ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަން ވެސް ފާރިސް ފާހަގަކުރެއްވި އެވެ.

"ހުރިހާ އާރަކާއި ބާރެއް ލިބި ދައުލަތުން އަމަލުކުރަމުންދާ ގޮތަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން. ދައުވާއާ ގުޅޭ ގޮތުން ވެސް ހ، ނޫނީ ށ. ތޯ ޔަގީން ކުރަން ވެސް ދައުލަތަށް ދެ ހަފްތާ ނެގި،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ދައުލަތުގެ އަމަލުތައް ހުރި ގޮތުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އިންސާފުގެ އެއްވެސް ކުލަވަރެއް ނުފެންނަ ކަމަށެވެ. ފާރިސްގެ ވާހަކަތައް އެހިސާބަށް ދިއުމުން ގާޒީ އަލީ އާދަމް ވިދާޅުވީ ކޯޓުން މަސަތްކަތް ކުރަމުންދަނީ ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށް ފަހު އިންސާފު ގާއިމްކޮށްދޭން ކަމަށާއި ވަކި ގޮތަކަށް ނިންމުމުގެ ކުރިން އިންސާފު ނުލިބޭ ކަމަށް ބުނުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

"މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންސާފުގެ ވާހަކަ ދައްކަން ފުރުސަތެއް ނުދެވޭނެ،" ގާޒީ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ޝަރީއަތުން އިންސާފު ގާއިމު ނުކޮށްދޭނެ ކަމަށް އޭނާ ވިދާޅުނުވާ ކަމަށާއި ވަކީލުންނާ ބައްދަލުކުރުމަށް އިތުރު ފުރުސަތު ދިނުމަށް ކޯޓުން ކަރެކްޝަނަށް އެންގި ނަމަވެސް އެ ފުރުސަތު ވެސް ލިބެމުން ނުދާ ކަން ތަކުރާރުކޮށް ފާރިސް ފާހަގަކުރެއްވި އެވެ.

އެ މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ އެ އަޑުއެހުމުގައި އޮންނާނީ އިބްތިދާއީ އަޑުއެހުންތަކުގައި ހުށަހެޅި ކަންތައްތަކާ މެދު ގޮތެއް ނިންމުމެވެ.