09 Jan 2018, 15:51
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއެކު، ބޭރުގެ ތިން ޓްރޭޑް ޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޓާޓޯއާއި ޓޫރިޒަމް އިންޑަށްޓްރީ ގުޅިގެން ބޭރުގެ ތިން ފެއާއެއްގައި ބައިވެރިވުމަށް ހުޅުވާލައިފައިވާއިރު އެންމެ ފުރަތަމަ އޮންނާނީ، މިމަހުގެ 31 އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ސައުތު އޭޝިއާގެ ލީޑިން ޓްރެވަލް ޓްރޭޑް ޝޯވގައެވެ.
މަޓާޓޯއިން ބުނީ އެ ޝޯގައި މަޓާޓޯއާއެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ފޯމު ފުރުމަށްފަހު މަޓާޓޯއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ޓްރޭޑް ޝޯއަކީ ދުނިޔޭގެ އެކި ހިސާބު ތަކުން ވިޔަފާރީގެ ދާއިރާއާއި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވާ، އަދި 12،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ ޓްރޭޑް ޝޯއެއް ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
އިންޑިއާގެ ނިއުދިއްލީގައި ބާއްވާ އެ ޓްރޭޑް ޝޯ އަށްފަހުގައި މަޓާޓޯއިން ދެން ބައިވެރިވާނީ މާޗް 29 އިން އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ވިއެޓްނާމްގެ ހަނޯއީގައި ކުރިޔަށްދާ ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާޓް (ވީއައިޓީއެމް)ގެ ހަވަނަ އެޑިޝަންގައެވެ.
ވީއައިޓީއެމް އަކީ އިންޓަނޭޝަނަލް ސެމިނާތަކާ ކޮންފަރެންސްތަކާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތަޖުރިބާކާރުން ބައިވެރިވާ ޓްރެވަލް ޝޯއެކެވެ. ވީއައިޓީއެމްގައި މަޓާޓޯ އާއެކު ބައިވެރިވާން ހުޅުވާލާފައިވާ އިރު، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ފޯމް މަޓާޓޯއަށް ހުށައަޅަން ޖެހޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
މީގެ އިތުރުން އަޒަރްބައިޖާން އިންޓަނޭޝަނަލް އެންޑް ޓޫރިޒަމް ފެއާގައިވެސް މަޓާޓޯއާއެކު ބައިވެރިވާން ވަނީ ހުޅުވާލައިފައެވެ. އެ ފެއާގައި މަޓާޓޯއާއެކު ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް މި މަހުގެ ނިޔަލަށް ބައިވެރިވުމުގެ ފީއާއެކު ފޯމް މަޓާޓޯއަށް ހުށައަޅަން ޖެހޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
އޭޕްރީލް މަހުގެ ފަހަކުން އިން ހަތަކަށް ކުރިއަންގެންދަން ހަމަޖެހިފައިވާ އެ ފެއާއަކީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނާއެކު ކުރިއަށް ގެންދާ ފެއާއެކެވެ. އެ ފެއާ ބާއްވާ މިއީ 17 ވަނަ އަހަރެވެ.
މަޓާޓޯއިން ބުނީ މަޓާޓޯއާއެކު ބައިވެރިވާން ފުރުސަތު ހުޅުވާލައިފަވާ އެ ފެއާތަކަކީ، އުފެއްދުންތަކާއި ހިދުމަތްތައް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުކޮށް ދައްކާލުމަށް އެންމެ އެކަށޭނަ ފެއާތަކެއް ކަމަށެވެ.