ޕްރެމިއާ ލީގު 2011-12ގެ ސީޒަން ރޭ ފެށުނުއިރު ބޮޑެތި ޓީމްތަކަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ލިވަޕޫލް، އާސެނަލް އަދި އެސްޓަން ވިލާ ފަދަ ބޮޑެތި ޓިމުތަކުގެ މެޗްތައް ވަނީ އެއްވަރުވެގެން ނިމިފަ އެވެ. ސަންޑަލޭންޑުން ލިވަޕޫލް ހިފެހެއްޓި އިރު ނިއުކާސަލްއިން ވަނީ އާސެނަލް ހިފަހައްޓާފަ އެވެ.
ް
އާސެނަލާއި ނިއުކާސަލް ބައްދަލުކުރިމެޗްގައި އާސެނަލްއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ނިއުކާސަލްގެ ގޯލްތެރެއަށް ބޯޅައެއް ވައްދާލެވިފައެއްނުވެ އެވެ. އާސެނަލްއިން މެޗްގެ ފަހު 15 މިނެޓް ފުރިހަކޮށްފައި ވަނީ 10 ކުޅުންތެރިންނާއެކު އެވެ. ނިއުކާސަލްގެ ބާޓަންއާއި އާސެނަލާއި އަލަށް ގުޅުނު އައިވަރީ ކޯސްޓްގެ ޖާވީނިއޯއާއި ހިންގި ހަމަނުޖެހުމުގެ ސަބަބުން ޖާވީނިއޯ އަށް ރަތް ކާޑް ދައްކާ ބާޓަންއަށް ރީނދޫ ކާޑެއް ދައްކި އެވެ.

މިމެޗް 0-0 ން އެއްވަރުވީނަމަވެސް އާސެނަލްއިން ވަނީ ނިއުކާސަލްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން އާސެނަލްއަށް ލިބިފައިވާ ހުސް ފުރުސަތުތައް އެންމެ ފައިދާހުރި ގޮތުގައި ނުހިފުނުކަން ފާހަގަކޮށްލެވެ އެވެ. އާސެނަލްއިން މޮޅު ކުޅުމެއް ކުޅުނު ކަމަށާއި ގިނަ ބޯޅަތައް ބޭކާރުވީމަ ގޯލެއް ނުޖެހުނީކަމަށް އާސެނަލްގެ ކޯޗް ވެންގާ ބުނެފައިވެ އެވެ.

"އާސެނަލް އިން މިމެޗްގައި މޮޅު ކުޅުމެއް ދެއްކި. އެހެންނަމަވެސް މިމެޗްގައި ލަނޑެއް ކާމިޔާބުނުކުރެވުނީ ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔާމަ." ކޯޗް ވެންގާ ބުންޏެވެ.
މެޗްގެ ފަހުކޮޅު ނިއުކާސަލްގެ ބާޓަންއާއި އާސެނަލްގެ ފޯވާޑް ޖާވީނިއޯ ހިންގި ހަމަނުޖެހުމުގެ ސަބަބުން ޖާވީނިއޯއަށް ދެއްކި ރަތްކާޑަކީ ސައްހަ ރަތްކާޑެއް ނޫންކަމަށް ބުނެ ކޯޗް ވެންގާ ރެފްރީއަށް ފާޑުކިޔާފައިވެއެވެ.

"ޖާވީނިއޯއަށް ދެއްކި ރަތްކާޑަކީ ރަނގަޅު ކާޑެއް ނޫން. ޖާވީނިއޯއަށް ރަތްކާޑު ދައްކާ ބާޓަންއަށް ވެސް ދެއްކިނަމަ ރަނގަޅު. ބާޓަންއަށް ދެއްކީ ރީނދޫ ކާޑެއް. އެހެންކަމަށްވާ ނަމަ ޖާވީނިއޯއަށް ވެސް ދައްކަންޖެހޭނީ ރީނދޫ ކާޑެއް. ރެފްރީއަށް މިހަމަނުޖެހުން ނުފެންނަކަން 100% ޔަގީން." ކޯޗް ވެންގާ ބުންޏެވެ.

ލިވަޕޫލްއާއި ސަންޑަލޭންޑް ރޭ ކުޅުނު މެޗްގައި ލިވަޕޫލްއިން ލަނޑެއްޖަހާފައިވަނިކޮށް ފަހުހާފްގައި ސަންޑަލޭންޑްއިން ލަނޑެއްޖަހައި ލިވަޕޫލް ހިފަހައްޓާފައިވެ އެވެ. ލިވަޕޫލްގެ އުރުގުއޭ ތަރި ލުއިސް ސުއަރޭސްއަށް މެޗް ފަށައިގެން ހަތް މިނެޓްނުވަނީސް ޕެނަލްޓީއެއް ލިބިފައިވެއެވެ. މިޕެނަލްޓީ ސުއަރޭޒް ބޭރަށް ޖެހިތާ ފަސް މިނެޓް ނުވަނީސް އޭނާވަނީ ލިވަޕޫލަށް ލީޑް ހޯދައިދީފައެވެ. މެޗްގެ 57 ވަނަ މިނެޓްގައި ސަންޑަލޭންޑަށް ލަނޑު ކާމިޔާކޮށްދީ މެޗް ހަމަހަމަކޮށްދިނީ އެޓީމާއި އަލަށް ގުޅުނު ސެބަސްޓިއަން ލާސަންއެވެ.

ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އެސްޓަންވިލާ އާއި ފުލަމް ބައްދަލުކުރިމެޗް ވެސް ނިމިގެންދިޔައީ 0-0 ން ދެޓީމުންކުރެ އެއްޓިމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ވިގަންއާއި ނޯވިޗް ބައްދަލުކުރި މެޗް ނިމިގެންދިޔައީ 1-1 ދެޓީމް އެއްވަރުވެގެންނެވެ. ވޮލްވްސްއިން ބްލެކްބާންގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދިއިރު، ބޮލްޓަންއިން ކިއު.ޕީ.އާރް ކޮޅަށް 4 ލަނޑުކާމިޔާބުކޮށްފަ އެވެ.

ޕްރެމިއާ ލީގުގައި މިރޭވެސް ފޯރިގަދަ ދެމެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 5:30ގައި ޗެލްސީއާއި ސްޓޯކް ސިޓީ ބައްދަލުކުރާއިރު، ޗެމްޕިއަން މެންޗެސްޓަ ޔުނައިޓެޑާއި ވެސްޓްބްރޮމް މިރޭ 8:00 ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.