09 Jan 2018, 21:40
ރާއްޖޭގައި ހަކަތަ ބޭނުންކުރާ ބައެއްް ތަކެތީގެ ހަކަތަ ލޭބަލިންގެ ސްޓޭންޑަޑް ޕްރޮގްރާމެއް ތައްޔާރު ކުރުމަށް 1.2 މިލިއަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މަސައްކަތް ނިންމުމަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުވާއިރު އެ މަސައްކަތް ނިންމުމަށް ޖުމްލަ އަށް މަސް ދީފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ އެ މަޝްރޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޕްރައިޒް ވޯޓާ ހައުސް ސްކޫޕާސްއާއެވެ. އެ މަސައްކަތް ނިންމަން އަށް މަސް ދުވަސް ނަގާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އަދި ޕްރައިސް ވޯޓާ ހައުސް ސްކޫޕާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕާޓްނަރު އަމިތު ކުމާރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ހަކަތަ ލޭބަލް ކުރުމަކީ ރާއްޖޭގައި ވަރަށް މުހިއްމު ކަމެއްކަމަށާއި ރާއްޖެއަކީ ބޭރުން ތެޔޮ އެތެރެ ކޮށްގެން ހަކަތަ އުފައްދާ ބަޔަކަށް ވުމުން ބޭނުންކުރާ ހަކަތަ އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
"ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެންމެ ގިނަ އަދަދަކަށް ހަކަތަ ބޭނުންކުރާ ތަކެތިން ފުރިހަމަ މައުލޫމާތު ހޯދައިގެން އެ ތަކެތި ފުރިހަމަ ގޮތުގައި ބޭނުން ކުރުމަކީ މުހިއްމު ކަމެއް. ފާއިތުވި ހަތަރު އަހަރަކީ ހަކަތައިގެ ދާއިރާ އަށް ވަރުގަދަ އިންގިލާބެއް ގެނައި ހަތަރު އަހަރު،" ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރަކީ ހަކަތަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ އައިސްއަލަމާރި، ދޮންނަ މެޝިން އަދި އެއާ ކޮންޑިޝަނާ އިން ހަކަތަ ލޭބަލް ކުރެވޭނެ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކަރަންޓް އާލާތްތަކުގެ ތެރެއިން ގިނައިން ކަރަންޓު ބޭނުންކުރާ އަލާތްތަކަށް އަމާޒުކޮށްގެން އެނާޖީ ލޭބަލެއް ތައްޔާރުކޮށް، އެލޭބަލް ބޭނުންކުރުމަށް ބޭނުންވާ އެހެނިހެން އުސޫލުތަކާއި ލިޔެކިޔުން ފަދަ ތަކެތި ތައްޔާރުކޮށްދިނުމެވެ.