14 Aug 2011, 11:42
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ 500 ހައުސިން ޔުނިޓް މަޝްރޫއުގެ މަސައްކަތަށް އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރަޑިޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކޮށްފި އެވެ.
ދިއްލީގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ހުކުރު ދުވަހުގެ ތާރީހުގައި އާންމުކޮށްފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހު ދިއްލީގައި ސޮއި ކުރި ލައިން އޮފް ކްރަޑިޓް އެގްރީމަންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ހައިކޮމިޝަންގެ ކައުންސިލަރު އައިޝަތު އާޒިމާ ކަމަށެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ބޭންކުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޓީސީއޭ ރަންގަނާދަން ކަމަށެވެ.