09 Jan 2018, 13:23
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' މި މަހު 25ގައި އިންޑިއާގެ އިތުރުން އިތުރު 60 އެހެން ގައުމެއްގައި ފިލްމު ރިލީޒްކުރާ އިރު އެ ފިލްމު ރާއްޖޭގައި ވެސް އަޅުވަން ނިންމައިފި އެވެ.
ޝްވެކް ސިނަމާ އިން ބުނީ މި މަހު 25 ވަނަ ދުވަހު އެ ފިލްމު ރާއްޖޭގައި ވެސް ރިލީޒްކުރާނެ ކަމަށާއި އަދި ފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ 3ޑީ ކޮށް ޝްވެކްގައި ކަމަށެވެ.
ފިލްމާ ބެހޭ އިތުރު ތަފްސީލެއް ޝްވެކް އިން އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަހަކީ އިންޑިއާގެ އިތުރުން ރާއްޖެއަށް ވެސް ވަރަށް މުހިއްމު ދުވަހެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ބެލުމަށް އިންތިޒާރުކުރި ބެލުންތެރިންގެ އިންތިޒާރުގެ ނިމުން އައީ އެވެ. "ޕަދްމާވަތީ" ސެންސަރު ބޯޑުން ފާސްކޮށްދިން ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ވަހުތެއްގަ އެވެ.
ކުރިން ފިލްމު ރިލީޒްކުރަން ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފިލްމު ރިލީޒްކުރެވޭ ގޮތް ނުވީ އެވެ.
ކެޕްޝަން..
ޕަދްމާވަތީ އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
އެގޮތުން ޕަދްމާވަތީގެ ލީޑް އެކްޓްރެސް ދީޕިކާ ޕަދްކޯން އަށް މެދުކެނޑުމެއް ނެތި މަރުގެ އިންޒާރުތައް ލިބުނު އިރު އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ބީޖޭޕީ ޕާޓީ އަށް ނިސްބަތްވާ އިސް މީހަކު ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މަރާލި ބަޔަކަށް ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ފިލްމު އަޅުވާ ސިނަމާތަކަށް ވެސް ގެއްލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.