14 Aug 2011, 11:10
ސީޝެލްސްގައި އިއްޔެ ނިމިގެންދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެ ވާދަކުރި ގޭމްސްތަކުގެ ތެރެއިން އެންމެ ގިނައިން މެޑަލް ހޯދި އެންމެ ކާމިޔާބު މުބާރާތެވެ.
މިމުބާރާތުގައި ރާއްޖެއިން ވަނީ ފަސް މެޑަލް ހޯދާފަ އެވެ. އެއީ އެއް ސިލްވާ މެޑަލް އާއި ހަތަރު ބްރޯންޒް މެޑަލް އެވެ.
ސިލްވާ މެޑަލް ރާއްޖެ އިން ހޯދާފައި ވަނީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓުން މުއީނާ މުހައްމަދު އެވެ. ފައިނަލުގައި އޭނާ ބަލިވެފައި ވަނީ ސީޝެލްސްގެ ކުޅުންތެރިޔާ އާއި ދެކޮޅަށް ކުޅުނު ވާދަވެރި މެޗަށް ފަހު 4-3ގެ ނަތީޖާއަކުންނެވެ.
ބްރޯންޒް ހަތަރު މެޑަލްގެ ތެރެއިން ތިން މެޑަލް ބެޑްމިންޓަން އިން ހޯދިއިރު ޓޭބަލް ޓެނިސްއިން ފާތިމަތު ޖުމާނާވެސް ވަނީ އިއްޔެ ބްރޯންޒް މެޑަލްއެއް ހޯދާފަ އެވެ. ޖުމާނާ ބްރޯންޒް މެޑަލްއެއް ހޯދާފައި ވަނީ އިއްޔެ ރިޔޫނިއަންގެ ކުޅުންތެރިއަކާއި ދެކޮޅަށް ކުޅުނު މެޗް 4-3ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށް ފަހުގަ އެވެ.
ބެޑްމިންޓަންއިން މެޑަލްތައް ހޯދާފައި ވަނީ ސިންގަލްސް އިވެންޓާއި ޑަބަލްސް އިވެންޓްގެ އިތުރުން ޓީމް އިވެންޓުންނެވެ.