ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ޝަރީއަތެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

މަޖިލިސް މެންބަރަކަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުމެވެ. ދެ އަޑުއެހުން މިހާތަނަށް ބާއްވާފައިވާއިރު ފާރިސްގެ ފަރާތުން ވަނީ 23 ނުކުތާގެ ތެރެއިން 22 ނުކުތާއެއް ހުށަހަޅައިފަ އެވެ.

މާދަމާގެ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާ ފަހު ނުކުތާ ހުށެހެޅުމެވެ. ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމުގައި ފާހަގަކުރާ ކަންތައްތަކަށް ގޮތެއް ނިންމުމަށްފަހުގަ އެވެ. ފާރިސްގެ ފަރާތުން މިހާތަނަށް ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށް އެ ދައުވާ ބާތިލު ކުރުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ދައުލަތުން ވަނީ އެ ހުރިހާ ނުކުތާތަކަކަށް ރައްދުދީފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފާރިސް މައުމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. ފާރިސްގެ މައްޗަށް ދައަލުތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ދިން ކަމުގެ ދައުވާއަކާއި ޝަހުސު އޮޅުވާލުމުގެ ދައުވާއެކެވެ.

ފާރިސްގެ މައްޗަށް ދެ ދައުވާ އުފުލާފައިވާ އިރު މެންބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ ކޯޓުން ހުކުމްކޮށްފަ އެވެ.